ސިއްރު ހެއްކާއި ސިއްރު ރިޕޯޓު ސުޕްރީމް ކޯޓުން ބަލައިނުގަތް ނަމަ އާއްމު ނުވީސް: ފާއިޒު

ސިއްރު ހެއްކާއި ސިއްރު ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް އެކި ފަރާތްތަކުގެ މައްޗަށް ކޯޓުން ޙުކުމް ކުރުން އާއްމުކަމަކަށް ވެގެން ދިޔައީ ސުޕްރީމް ކޯޓުން އަމަލުކުރި ގޮތުން ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.
ފާއިޒު މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އަމިއްލަފުޅު ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ބަޔާނެއްގައެވެ.
ފާއިޒު އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނަވަނިކޮށް މަޤާމް ގެއްލިވަޑައިގަތީ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނެސް ސުޕްރީމް ކޯޓުގެ ބެންޗު 7ން 5އަށް ކުޑަކުރުމުންނެވެ. ފާއިޒަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުމުން އެއިންތިޚާބު ބާތިލް ކުރުމަށް ނުފެންނަ ކަމަށް ރަޢުޔު ނެރުއްވި ފަނޑިޔާރެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމްކޯޓުން ބާތިލް ކުރީ، ފުލުހުން ހުށައެޅި އިންޓަލިޖެންސް ރިޕޯޓާއި، ސިއްރު ހެކިވެރިންގެ ހެކިބަހަށް ރިޢާޔަތްކޮށް ސުޕްރީމްކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 4 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުނު ޙުކުމުންނެވެ.
ފާއިޒު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވަނީ، ސްޕްރީމް ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން އެ ދުވަހު ސިއްރު ހެއްކާއި، ސިއްރު ރިޕޯޓު ބަލައި ނުގަތް ނަމަ ނުވަތަ ލިމިޓެއް ކަނޑައެޅި ނަމަ މިއަދު ޖިނާއީ މައްސަލަ ސާބިތު ކުރުމުގެ އާއްމު އުސޫލަކީ ސިއްރު ހެއްކާއި ސިއްރު ރިޕޯޓުގެ ގޮތުގައި ވެގެން ނުދިޔައީސް ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި ދޭތެރޭ ދޭތެރެ ދޭތެރެއިން ފާއިޒު ލިޔުއްވަމުން ގެންދަވާއިރު، ޖިނާއީ މައްސަލަތައް ސާބިތު ކުރުމުގައި ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓާއި، ސިއްރު ހެއްކާއި ލިޔެކިޔުންތަކަށް ބިނާކުރުން އާއްމުވެގެން ގޮސްފައި ވާއިރު އެކަމަކީ ވަރަށް ނުރައްކާތެރި ކަމެއްކަންވެސް ފާއިޒު ފާހަގަ ކުރައްވާފައި ވެއެވެ.
އަދި ޤާނޫނީ ވަކީލުންނާއި ސިޔާސީ ލީޑަރުންނާއި އާއްމު ރައްޔިތުންވެސް ވަނީ އެކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ. އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ސަޢީދަށް މިހާތަނަށް ދެހުކުމެއް އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށްވެސް އެއް ހުކުމްކޮށްފައި ވާއިރު އެދެބޭފުޅުނާއި ދެކޮޅަށްވެސް ބޭނުންކޮށްފައި ވަނީ ސިއްރު ލިޔެކިޔުންތަކާއި ސިއްރުން ދީފައިވާ ހެކިބަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ