ސެލްފީ ނެގުމަކީ ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފޯރިއާއެކު މީހުން ކުރަމުން އަންނަ އާންމު ކަމަކަށް ވަނީ ވެފައެވެ. ސެލްފީ ނުވަތަ ތިމާގެ އަމިއްލަ ފޮޓޯ ފޭސްބުކާއި ސޯޝަލް މީޑިއާތަކުގައި ޝާއިއުކޮށް ނުވަތަ އިޝްތިހާރުކޮށް އެހެން މީހުންގެ ސަމާލުކަން ތިމާއަށް ދަމައިގަތުމަކީ އެފަދަ ބައެއް ފަރާތްތަކުގެ އެންމެ ބޮޑު އެއް ބޭނުމެވެ. އަދި މަޤްސަދެވެ. އެ ސަމާލުކަން ހޯދަން ބޭނުންވަނީ ކޮން ބޭނުމެއްގައިކަން ނުވަތަ އެކަމުގެ ސަބަބަކީ ކޮބައިކަން އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެމީހުންނަށެވެ. އެނގޭ ކަމަކީ އެއީ ވަރަށް ގިނަ ބަޔަކު އެކަމަކަށްޓަކައި ނުހަނު ފަހުރުވެރިވާ ކަމެއް ކަމެވެ.
ދައްކަން މިއުޅޭ ވާހަކައަކީ ސެލްފީ ނެގުމުން ކުރިމަތީވާ ކަންތައްތަކުގެ ވާހަކައެއް ނޫނެވެ. އަދި ސެލްފީގެ ނުރައްކާތެރިކަމުގެ ވާހަކައެއްވެސް ނޫނެވެ. އެއީ އާންމުކޮށް އެންމެންވެސް ވާކަހަދައްކާ މައުޟޫއެކެވެ. އެހެން ނަމަވެސް އެފަދަ ފޮޓޯތައް އިޝްތިހާރު ކުރުން އާންމު ކަމަކަށް ހަދައިފި ނަމަ އެކަމުން ދެން ކުރިމަތިވާ ކަންތަކަށްވެސް ބަލައިލުމަކީ ނެތް ކަމެއް ކަމަކަށް ބަލައިގެން ނުވާނެއެވެ.
ފްލޮރިޑާގެ ޔުނިވާސިޓީއަކުން ދާދިފަހުން މިވަނީ މިކަމާއި ގުޅޭގޮތުން ދިގު ދިރާސާއެއް ކުރިޔަށް ގެންގޮސްފައެވެ. އެ ދިރާސާގައި ބުނެފައިވަނީ، އެހެން މީހުނަށް ތިމާގެ ސޫރަ ދައްކައި އާންމުކޮށް އިޝްތިހާރު ކުރުމަކީ އޭގެ ސަބަބުން ދިރިއުޅުމުގައި ތަފާތު މައްސަލަތަކާއި ކުރިމަތިލާން ޖެހި އުފާވެރިކަމުން އެއްކިބާ ވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.
ކުރިން ދެންނެވިފަދަ އަމިއްލަ ސޫރަ އިޝްތިހާރުކޮށް އެކަމާ ފަހުރުވެރިވާ ބައެއް ފަރާތްތަކަށް މިއީ ޤަބޫލު ކުރަން އުނދަގޫ ކަމަކަށްވެދާނެ ކަމާމެދު ޝައްކެއް ނުކުރާނަމެވެ. ކޮންމެއަކަސް އޭގެ ސަބަބުތަކުގެ ތެރޭގައި އެ ދިރާސާގައިވާ އެއް ކަމަކީ، އެފަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް އެހެން މީހުންގެ ސަމާލުކަން ފޮޓޯއަށް ނުވަތަ ފޮޓޯގައި ހުންނަ މީހާއަށް އަމާޒުވުން ދެމަފިރިން ދޭތެރޭގައި، ނުވަތަ ދެލޯބިވެރިންގެ ދެމެދުގައި ނުތަނަވަސްކަން އުފެދި މައްސަލަތަކެއް އުފެދުމުގެ ފުރުސަތު އޮތުމެވެ.
ދިރާސާގައި ބައިވެރިވި އިސް ތަޖުރިބާކާރަކު ބުނީ، ދެމަފިރިންގެތެރެއިން އެކަކު އެފަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް އެހެން މީހުންގެ ޝައުގުވެރިކަން ދަމައިގަތުމުން ބައިވެރިޔާ އެކަމާ ހަސަދަވެރިވާ ކަމަށެވެ. ހަސަދަވެރި ކަމަކީވެސް އޮންނަ ކަމަކަށް ވާއިރު، އެ ހަސަދައިގެ ސަބަބުން ބައިވެރިޔާއާއި މެދު ވިސްނާ ގޮތާއި އޭނާގެ ކަންތައްތައް ބަލައިގަންނަ ގޮތް ކުރިޔާއި ތަފާތުވެ ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ކުރިމަތިވެ ގުޅުން ކަނޑާލަންޖެހޭ ހިސާބަށްވެސް ދާން ދިމާވާ ކަމަށް، އެ ދިރާސާގެ އަލީގައި އޭނާ ބުނެއެވެ.
ހަމަ އެހެންމެ ގިނަ ފަހަރަށް އަންހެނަކު އެފަދަ ފޮޓޯތައް ލުމުން އޭނާގެ ބައިވެރިޔާއަށް އެއީ ރައްކާތެރި ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭގެ ނަތީޖާއަކަށްވަނީ އޭނާގެ ކަންތައްތަކަށް ފާރަލައި ދެމީހުންގެ ދޭތެރޭގައި އޮންނަ އިތުބާރާއި އިހުތިރާމް ގެއްލެން ދިމާވުމެވެ.
މިއީ ހުރިހާ އެންމެނަށް ކުރިމަތިވާ ކަމަކަށް ނުވި ނަމަވެސް ނިސްބަތުން ގިނަ ބަޔަކީ ބައިވެރިޔާގެ ފޮޓޯތަކާއި އޭނާގެ ކަންތައްތައް އިޝްތިހާރުކޮށް އާންމު ކުރަން ބޭނުން ނުވެދާނެ ބައެކެވެ. ހަމަ އެހެންމެ ދިރާސާތަކުގެ މައްޗަށް ބުރަވެ އެއީ ދިރިއުޅުމަށް ނުރަނގަޅު އަސަރުތަކެއް ކޮށް ދިރިއުޅުމުގައި ދެމެފިރިންގެ ދޭތެރޭ މައްސަލަ ކުރިމަތި ކުރުވާ ކަމެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ.
އާންމުކޮށް ސޯޝަލް މީޑިއާގައި އެހެން މީހުންގެ ސަމާލުކަން ހޯދާ މީހުންގެ ދިރިއުޅުން އުފާވެރިއެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ