މިއަދަކީ މަޖިލީހުގެ ތާރީހުގައި ކަޅު ދުވަހެއް: ޝަރީފް

މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ކަޅު ދުވަހެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި އެމްއެމްއޭ އިން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގޮތެއް ނުނިންމުމާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުން ހުށައަޅުއްވާފައިވާ ގޮތަށް އެއް އަހަރު ދުވަހުގެ މުސާރަޔާއި އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނޫގެ މާއްދާއަކަށް އަމަލު ކުރުމަށް ހުށައެޅުމުން އެންމެ ކުޑަމިނުން މައްސަލަ މާލިއްޔަތު ކޮމިޓީއާ ހަމައަށް ގެންދެވި ނޫނީ މަޖިލީހުގެ ތަޅަމުން ވޯޓަކަށް އަހައިގެން ގޮތެއް ނިންމަން ވާނޭކަމަށެވެ.
"ސަރުކާރު ލޮކްޑައުނަކަށް ފޮނުވުމަކީ އެއް ގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން. ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް މަޖިލީހުން ނިންމަންޖެހޭނެ،" ޝަރީފް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު މަޖިލީހުން ވަނީ އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓު 4.4 ބިލިއަން ރުފިޔާއަށް މަތިކޮށްދީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ފައިސާ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދީފައެވެ.
މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދައިގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، ފިނޭންސް އިން އިއްޔެ ވަނީ އެ މުއްދަތު އިތުރުކޮށްދިނުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ.
ނަމަވެސް މިއަދުގެ ވޯޓަށް އެހީ އެ މައްސަލަ އާއި ގުޅިގެން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެކަނި އެވެ. އަފީފް ހުށަހެޅުއްވީ މުޅި މައްސަލަ ދިރާސާކުރުމަށް މުޅި މަޖިލީހުން ކަނޑައަޅާ ހާއްސަ ކޮމެޓީއަކުން އެކަން ކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވެއެވެ.
އެ ހުށަހެޅުން ފާސްނުވުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައްސަލައާއި މެދު ގޮތެއް ނުނިންމުނުކަން އިއުލާންކުރައްވާފަ އެވެ. މިއީ އާންމުކޮށް މަޖިލީހުގައި ކަން ކުރާ ގޮތެއް ނޫނެވެ. އެގޮތުން މީގެކުރިން އެފަދަ ހުށަހެޅުމެއް ފާސްނުވެއްޖެނަމަ އެ މައްސަލައެއް ދާއިމީ ކޮމިޓީއަށް އަލުން ފޮނުވުމަށް ނިންމިކަން ރިޔާސަތުން އިއުލާންކުރައްވައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ