ވެންޓިލޭޓަރު މައްސަލައިގައި އާ ކަންތައްތަކެއް ފާހަގަކުރެވިއްޖެ: ޕީޖީ ޝަމީމް

ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި އާ ކަންތައްތަކެއް މިހާރު ފާހަގަކުރެވިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލައަކީ ވަރަށް ބޮޑަށް ޤައުމީ މަސްލަހަތު އޮތް، ވަރަށް ޕަބްލިކް އިންޓްރެސްޓް ބޮޑު މައްސަލައެއް ކަމަށެވެ. ތަހުގީގީ ނަޒަރުން މައްސަލަތައް ބެލުމަކީ އާންމުކޮށް ޕީޖީން ކުރާ ކަމެއްނޫންކަން ފާހަގަކޮށް ޕީޖީ ޝަމީމް ވިދާޅުވީ ޕީޖީން އަބަދުވެސް ކުރާ ކަމަކީ ހެކި ވަޒަންކުރުން ކަމަށެވެ.
"ނަމަވެސް މި މައްސަލައިގެ ހައްސާސްކަމުން އަޅުގަނޑުމެންވާނެ ވަރަށް ބޮޑަށް، އާންމުކޮށް ބަލާވަރަށްވުރެ މާބޮޑަށް، މާގާތުން މިމައްސަލަ ބަލާފަ. އަޅުގަނޑު ދެފަހަރެއްގެ މަތިން އަލުން މުރާޖާވެސް ކޮށްފިން." ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އެންމެ ފަހުން ބެލި ބެލުމުންވެސް މި މައްސަލައިގައި އިތުރު ކަންތައްތަކެއް ފުރިހަމަވާން ޖެހޭކަމަށް ފާހަގަކުރެވިގެން އެކަންތައް އަލުން އޭސީސީއަށް ފޮނުވާފައިވާކަމަށެވެ. އަދި މިހާރު ބަލަމުންދާ ކަންކަން ބެލުމުން މިމައްސަލާގައި ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ވެންޓިލޭޓަރު މައްސަލައިގައި އާ ކަންތައްތަކެއް ފާހަގަކުރެވިފައިވާކަން ފާހަގަކޮށް ޕީޖީ ޝަމީމް ވިދާޅުވީ އެކަންކަން ބެއްލެވުމަށްފަހު، ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލާގައި އާންމުންނަށް އޭގެ ނަތީޖާއަށް ދެވިއްޖެކަމުގެ އިހްސާސްވާ ކަހަލަ ނަތިޖާއެއް ފެންނާނެކަމަށާއި ނަމަވެސް އެކަންކަން ބަރޯސާވަނީ ތަހުގީގީ އިދާރާތަކަށް ކަމަށެވެ. އަދި މިހާރުބަލާ ކަންކަން ބެލުމުން، ކޮންމެވެސް ކޮޅެއްގައި ޖެހޭވަރަށް މައްސަލަ ގެންދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ޕީޖީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ