ގޮއިދޫ ސްކޫލް އިސްނަގައިގެން ބަޔޮސްފިއަރ ރިޒާވްގައި ހިމެނޭ ބައެއް ތަންތަން ސާފުކޮށްފި

ގޮއިދޫ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން އިސްނަގައިގެން ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް އާއި ކައިޓު ގްރޫޕު ގުޅިގެން ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގައި ހިމެނޭ އިންނަފުއްޓާއި ދޮރުކަނޑުހުރާ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ގޮއިދޫ ސްކޫލްގެ 42 ދަރިވަރުންނާއެކު ހިންގި މި ޕްރޮގްރާމްގައި ދޮރުކަނޑުހުރައިން ގިނަ އަދަދެއްގެ ޕްލާސްޓިކް ހޮވައި ސާފުކޮށް އެތަނުގައި ވަނީ ރުއްގަސް އިންދާފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގައި ގޮއިދޫ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ އިންނަފުށިވެސް ވަނީ ސާފުކޮށްފައެވެ.
ގޮއިދޫ ސްކޫލްގެ ޕްރައިމަރީ ޓީޗަރ އަލްފާޟިލާ ޝައުފާ ޝަފީގް، ބައެއް މީޑިއާ ތަކަަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ޕާރލޭ އިން މިއަހަރު ފެށި ”ޕާރލޭ އެއަރ ޗެލެންޖް“ގައި ސްކޫލުން ބައިވެރިވެ އެ ޗެލެންޖަށް ޕޮއިންޓް ހޯދުމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ކަމަށެވެ.
ޝައުފާ ވިދާޅުވީ ގިނައިން ޕޮއިންޓް ލިބެނީ މިކަހަލަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުން ކަމަށެވެ. އަދި ވަކިވަރަކަށް ޕޮއިންޓް ލިބުމުން ޕާރލޭއިން ހާއްސަ އިނާމެއް ލިބޭ ކަމަށްވެސް ޕާރލޭއިން ގޮއިދޫ ސްކޫލަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް، ޝައުފާ ވިދާޅުވިއެވެ.
މީގެކުރިންވެސް ޕާރލޭއާއި ގުޅިގެން 5221 ކިލޯގެ ޕްލާސްޓިކް ފުޅި ފޮނުވާފައިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
”މިފަދަ ޗެލެންޖެއްގައި ބައިވެރިވުމުގެ މަޤުސަދަކީ ދަރިވަރުންގެ ހިތުގައި ތިމާވެށްޓަށް ލޯބިޖައްސައި، ރާއްޖެއިން ޕްލާސްޓިކް ނައްތާލުމަށް ކުރާ މަސައްކަތުގައި ސްކޫލް ބައިވެރިވުން އަދި ޕްލާސްޓިކް ސައްޙަ ގޮތުގައި ނައްތާލުން“ ޝައުފާ
ޕްރޮގްރާމް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން ހުކުރުދުވަހު ވަނީ ސައިކަލް ދޮވުމުގެ ހަރަކާތެއްވެސް ހިންގާފައެވެ. ކޮންމެ ހަރަކާތެއްގައިވެސް ކުދިންނާއި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބޭ ކަމަށާއި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޝައުފާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ