މޫސުން ގޯސްވާތީ ގެދޮރާއި މުދަލަށް ސަމާލުވާން އަންގައިފި
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ފެންބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވާން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އަންގައިފި އެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ، އަދި އޭގެ ފަހުން ތޫފާނަކަށް ވެސް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި، ހާއްސަކޮށް އުތުރާ މެދުރާއްޖެތެރޭ ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. މެޓުން ބުނީ އާންމުގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އެންޑީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވެ ވާރޭވެހޭނެ ކަމަށް މެޓުން މައުލޫމާތު ދީފައި ވާތީ ފެންބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތޮގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރާއްކެތިރިވުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. https://twitter.com/NDMAmv/status/1392839474405462016 މޫސުން ގޯސްވެ، ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ވެސް ވެސް އެންޑީއެމްއޭ އިން ވަނީ ހިއްސާކޮށްފަ އެވެ. ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން ( ގޭގެ ދޮރުމަތީ ވެލި ބަސްތާ ފަދަ ތަކެތި ޖެއްސުން) ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ، ފެން ނުޖެހޭ ފަދަ އުސްތަނަކަށް ބަދަލުކުރުން. އުސް ތަނަކަށް ބަދަލުނުކުރެވޭ ތަކެތި، ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލާފާނެ ކަމަށް ލަފާކުރެވޭ ނަމަ، ކުރިއާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެ ގޮތަކަށް ހައްޔަރުކުރުން ގަދަ ވައިގެ ސަބަބުން އެއްލާލާފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން ބޭނުންނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަމާ މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ފެންބޮޑުވެ ރައްޔިތުންގެ ގެދޮރާއި މުދަލަށް ވަނީ ގެއްލުން ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ