ތަފާތު ހަފްލާއެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުން މުވައްޒަފުންގެ އަގުވަޒަންކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތިން ވަނަ އަހަރީ ދުވަހާ ގުޅިގެން މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ އޮންލައިން ހަފްލާއެއް ބާއްވައިފި އެވެ. މީގެކުރިން ކޮންމެ އަހަރަކު ވެސް އެ ހަފްލާ ބާއްވާފައި ވަނީ ހުރިހާ މުވައްޒަފުން ގުޅިގެން، ވަރަށް ކުލަގަދަކޮށެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން، މި އަހަރު މުވައްޒަފުންގެ ޙާއްސަ ހަފްލާ ބާއްވާފައިވަނީ އޮންލައިންކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުންނެވެ. އޮންލައިންކޮށް ބޭއްވި ނަމަވެސް އެ ހަފްލާގައި 500 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށާއި އަދި ހަފްލާ ވެގެން ދިޔައީ ވަރަށް ފުރިހަމަ އަދި ތަފާތު ތަޖުރިބާ އަކަށް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އެގޮތުން މުވައްޒަފުންގެ ހުނަރުވެރި ވިޑިއޯ އަދި ފޮޓޯ ހުށަހެޅުންތަކެއް ގެނެސްދިން އިރު، އެކަމުގެ ސަބަބުން މުވައްޒަފުން މެދުގައި ގުޅުން އިތުރަށް ބަދަހިކުރުވައި މަސައްކަތުގެ މާހައުލުގައި ކުރިއަށްދިޔުމަށް ހިއްވަރު ލިބިގެންދިޔަ ކަމަށް ޓްރީޓޮޕް އިން ބުންޏެވެ. ހަފްލާގައި ވާހަކަ ދައްކަވަމުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޗީޕް އޮޕަރޭޓިން އޮފިސަރު އާދިލް މޫސާ ވަނީ 2020 ވަނަ އަހަރު ވެގެން ދިޔައީ ސިއްހީ ދާއިރާއަށް ގިނަގުނަ ދަތިތަކާއި ކުރިމަތިލާން ޖެހުނު އަހަރެއްކަން ފާހަގަކުރައްވައިފަ އެވެ. އެހެން ނަމަވެސް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން ކޮށްދެއްވި ބުރަ މަސަތްކަތްތައް ބަލައިގަނެ ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ ފަރާތުން މުވައްޒަފުންނަށް ޝުކުރުއަދާކުރެއްވި އެވެ. މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ތަފާތު ކެޓެގަރީތަކުން އެކިއެކި އިނާމު އަދި އެވޯޑު ވަނީ ދީފަ އެވެ. އެގޮތުން 2020 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑު ލިބިފައިވަނީ ޕްރޮކިއުމަންޓް އެގްޒެކެޓިވް އިބްރާހިމް ހާރުންއަށެވެ. އެންމެ ރަނގަޅު ޑޮކްޓަރުގެ އެވޯޑު ލިބިފައިވަނީ ކިޑްނީގެ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓް ނެފްރޯލޮޖިސްޓް ޑރ. ޖަޔަ ނާތު އަށެވެ. އެންމެ ރަނގަޅު މެޑިކަލް އޮފިސަރުގެ އެވޯޑު ލިބިފައިވަނީ ޑރ. ހައިތަމް ސަދޫން އަށެވެ. ނަރުހުންނަށް ޙާއްސަ "ފްލޮރެންސް ނައިޓިންގޭލް" ނުވަތަ އެންމެ ރަނގަޅު ނަރުހުގެ އެވޯޑު ލިބިފައިވަނީ ރެޖިސްޓާޑް ނާސް ޗެރީސް ކަމަންޓިގޫ އަށެވެ. މީގެ އިތުރުން އެންމެ ރަނގަޅު ހެޑް އޮފް ޑިޕާޓްމަންޓުގެ އެވޯޑު ލިބިފައިވަނީ ގެސްޓް ސާވިސް މެނޭޖަރު މުހައްމަދު ޒައުޝާން އަށެވެ. އެ ކެޓެގަރީތަކުގެ އިތުރުންވެސް ބެސްޓް އެޓެންޑަންސްގެ އިނާމު ވަނީ 18 މުވައްޒަފުންނަށް ދީފަ އެވެ. އަދި ހާއްސަ ހިދުމަތުގެ އިނާމު ނުވަތަ "ޖެމްސް"ގެ ނަމުގައި 15 މުވައްޒަފުންނަށް އިނާމު ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ