ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން މެދުކަނޑާލައިފި
ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން އަނެއްކާވެސް މެދުކަނޑާލައިފިއެވެ. ފެމެލީ ކޯޓުން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ކޯޓުން ދެމުންދާ ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޝަރީއަތާ ގުޅުންހުރި ފޯމުތަކާއި އެހެނިހެން ފޯމުތައް ބަލައިގަންނާނީ ޖަސްޓިސް ބިލްޑިން ފުރަތަމަ ފަންގިފިލާގައި ބަހައްޓާފައިވާ ޑްރޮޕް ބޮކްސްއާއި އީމެއިލް މެދުވެރިކޮށް، ރަސްމީ ދުވަސްތަކުގައި ހެނދުނު 08:00 ން މެންދުރު 13:00 އަށް ކަމަށާއި އީމެއިލް ކުރާނަމަ ފޮނުވާނީ [email protected] އަށް ކަމަށް އެ ކޯޓުން ބުންޏެވެ. އެއާއެކު ކޯޓުގެ ރިސެޕްޝަނުން ފޯމު ބަލައިގަތުން މެދުކަނޑާލާނެ ކަމަށްވެސް ފެމެލީ ކޯޓުން ބުންޏެވެ. ފެމެލީ ކޯޓުން އިތުރަށް ބުނީ ކާވެނީގެ ފޯމުތައް ބަލައިގަންނާނީ ކާވެނި ސެކްޝަންގައި ބެހެއްޓިފައިވާ ޑްރޮޕް ބޮކްސް މެދުވެރިކޮށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 ން މެންދުރު 13:00 އަށް ކަމަށާއި ވެންޏާ ގުޅޭ އެހެނިހެން ފޯމުތައް ބަލައިގަންނާނީ ކާވެނި ސެކްޝަންގައި ބެހެއްޓިފައިވާ ޑްރޮޕް ބޮކްސްއާއި އީމެއިލް މެދުވެރިކޮށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 ން މެންދުރު 13:00 އަށް ކަމަށެވެ. އީމެއިލް މެދުވެރިކޮށް ހުށާހަޅާނަމަ އީމެއިލް ކުރާނީ marriage @familycourt.gov.mv އަށެވެ. ޑްރޮޕްބޮކްސް މެދުވެރިކޮށް ފޯމާއި ލިޔެކިޔުން ހުށާހަޅާއިރު، ޑްރޮޕްބޮކްސް އަށް ލާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ކަމަށާއި އަދި ސިޓީއުރައިގައި ހުށަހަޅާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއި ކޮންކަމަކަށް އެދި ހުށަހަޅާ ފޯމެއްކަން ބަޔާންކުރަން ކޯޓުން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ކާވެނިތައް މިހާލަތުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމީގަޑީ ކަމަށާއި އޮންލައިންކޮށް އަދި ކޯޓަށް ހާޒިރުވެގެން ކާވެނި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ކޯޓުން ބުންޏެވެ. މިދުވަސްވަރު ކޯޓުން ބޭރުގައި ކާވެނިކޮށްދިނުން މެދުކަނޑާލާފައިވާއިރު ހަތެއް ފެބްރުއަރީ އިން ފެށިގެން ކޯޓުން ބޭރުގައި ކާވެނީގެ މަޖިލިސް ބޭއްވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތައް ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ދިނުމަށް ކޯޓުން ގުޅާނެ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ. މީގެ ކުރިންވެސް ކޮވޑު ކޭސްތައް އިތުރުވާން ފެށުމުން ކޯޓުން ވަނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން މެދުކަނޑާލައިފައެވެ. އޭރު ކައިވެނި ކޮށްދިނީ އޮންލައިންކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ