ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯ މިހާރަށްވުރެ އިތުރަށް ވަރުގަދަކުރަން މެމްބަރު ގައުމުތަކުން އެއްބަސްވެ، އެކަމާބެހޭ ގަރާރެއް ފާސްކޮށްފިއެވެ.
މިގަރާރު ފާސްކޮށްފައިވަނީ ޑަބްލިޔޫއެޗްއޯގެ 194 މެމްބަރުން ހިމެނޭ އަހަރީ އާންމު ބައްދަލުވުން ނުވަތަ 74 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ އެންމެފަހު ދުވަސްކަމަށްވާ އިއްޔެއެވެ.
މިއީ، ދުނިޔެ މިހާރު ތަހައްމަލް ކުރަމުންދާ ކޮވިޑްބަލިމަޑުކަންފަދަ، ކުރިއަށްއޮތް މުސްތަގްބަލުގައި ދުނިޔެ ކުރިމަތިލާންޖެހިދާނެ މިފަދަ ބަލިމަޑުކަމާއި ކުރިމަތިލުމުގެ ގާބިލްކަން އިތުރުކޮށް، މާލީގޮތުންވެސް ޑަބްލިޔޫއެޗްއޯއަކީ ދާއިމީގޮތެއްގައި ފުދުންތެރި އިދާރާއަކަށް ހެދުމުގެ މައްޗަށް ފާސްކުރި ގަރާރެކެވެ.
ޑަބްލިޔޫއެޗްއޯއަށް ދޭނީ ކިހާ މިންވަރެއްގެ، ކޮންކޮން ބާރުތަކެއްތޯ ތަފްސީލް ގޮތެއްގައި ކަނޑައެޅުން ފަހުގެ ތާރީޚްތަކަށްވަނީ ދޫކޮށްލާފައެވެ. ސަބަބަކީ، ޑަބްލިޔޫއެޗްއޯއަށް މާބޮޑެތި ބާރުތަކެއް ދިނުމަށް މެމްބަރު ބައެއް ގައުމުތަކުން ދެކޮޅުހެދުމެވެ.
އެހެންނަމަވެސް، 14 ސަފްހާގެ މައްޗަށް އެކަށައެޅި ގަރާރުގައި ޑަބްލިޔޫއެޗްއޯގެ މާލީ ގާބިލްކަން އިތުރަށް ހަރުދަނާކުރަން ހުރިހާ ގައުމަކުން އެއްބަސްވެފައި ވެއެވެ.
ޑަބްލިޔޫއެޗްއޯއިން މިހާރު ހިންގާ އެކިއެކި ޕްރޮގްރާމްތަކުގެ ބަޖެޓްގައި، މެމްބަރު ގައުމުތަކުން ލިބޭ ފީ ހިއްސާކުރަނީ އެންމެ 16 އިންސައްތައެވެ. ބާކީ ޚަރަދުތައް ކަވަރ ކުރަނީ، އެކިއެކި ފަރާތްތަކުން އެހީގެގޮތުގައިދޭ ފައިސާއިންނެވެ.
ވޯކިންގް ގްރޫޕެއް އުފައްދައި، މިނިވަން 3 ޕެނަލަކުން މިހާރު ހުށަހަޅާފައި ހުރި ރެކޮމެންޑޭޝަންތައް ދިރާސާކޮށް، ޑަބްލިޔޫއެޗްއޯއަށް ދޭނޭ ބާރުތަކުގެ ތަފްސީލް ހިމެނޭ ޕްރޮޕޯސަލްއެއް އަންނަ އަހަރު ބާއްވާ ވޯލްޑް ހެލްތު އެސެމްބަލީއަށް ހުށަހެޅުމަށް ގަރާރުގައި ކަނޑައަޅާފައިވެއެވެ.
ބަލިމަޑުހާލަތްތަކާ ކުރިމަތިލުމަށް ޑަބްލިޔޫއެޗްއޯގެ ގާބިލްކަން އިތުރުކުރުމަށް އިތުރު ބާރުތަކާއި އިޚްތިޔާރުތައް ދިނުމަށް އަހަރީ ޖަލްސާއިން ގަރާރެއް ފާސްކުރުމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމްވަނީ އެކަމަށް މަރްހަބާ ވިދާޅުވެފައެވެ. ޑރ. ޓެޑްރޯސް ވިދާޅުވީ، މިއީ ތާރީޚީ ނިންމުމެއް ކަމަށެވެ.
ޑރ. ޓެޑްރޯސް ވިދާޅުވީ، ބޮޑެތި ސިއްހީ ބަލިމަޑުކަމާ ކުރިމަތިލުމަށް ދުނިޔެއަށް މިހާރަށްވުރެ ހަރުދަނާ އަދި ވަރުގަދަ ޑަބްލިޔޫއެޗްއޯއެއްގެ ބޭނުންޖެހިފައިވާ ކަމަށެވެ.
މުޅި ދުނިޔެ މިހާރު ތަހައްމަލް ކުރަމުންދާ ކޮވިޑްބަލީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 3.5 މިލިއަން މީހުން މަރުވެފައިވެއެވެ.
މި ބަލުމަޑުކަމާ ކުރިމަތިލުމުގައި ޑަބްލިޔޫއެޗްއޯއަށް އެކަށީގެންވާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސްމިނުގައި މަސައްކަތް ކުރެވިފައި ނުވާކަމަށް މެމްބަރު ބައެއް ގައުމުތަކުން ބުނެއެވެ.
އަދި ހަމައެއާއެކު، މުޅި ޑަބްލިޔޫއެޗްއޯ އަލުން އުވަރހޯލް ކުރަންޖެހޭ ކަމަށްވެސް މެމްބަރު ގިނަ ގައުމުތަކުން ބުނެ، މިފަހަރުގެ ހެލްތު އެސެމްބްލީ ތެރޭގައިވެސް އެކަމަށް އަޑު އުފުލާފައި ވެއެވެ.
ޑަބްލިޔޫއެޗްއޯ އިތުރަށް ވަރުގަދަކޮށް މާލީ ފުދުންތެރިކަން އިތުރުކުރަން މެމްބަރު ގައުމުތަކުން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ