ކުރީގެ މެމްބަރު ހަލީލްގެ ލޮރީއެއްގައި ރޯކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލްގެ ލޮރީއެއްގައި ބަޔަކު ރޯކޮށްލައިފި އެވެ. ހަލީލް މިރޭ 'ސަން' އަށް ވިދާޅުވީ ލޮރީގައި ރޯކޮށްލި މައްސަލައާ ގުޅިގެން އެއްވެސް އެއްޗެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ. ފުލުހުން މިހާރު އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ހަލީލް ވިދާޅުވި އެވެ. "ރޯކޮށްލާފައި އެބައޮތް ހަމަ ގައިމުވެސް. ނިލަންދޫ ކުނިގޮނޑުގައި މަސައްކަތެއް ކުރުމައްޓަކައި އެތަނަށް ގެންގޮސްފައި އޮންނާނީ. އޮއްވައި އެ ރޯކޮށްލީ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ދަށަށް ފަނާ ދަރާ އެއްޗިހި އަޅާފައި ރޯކޮށްލީ ކަމަށް،" ހަލީލް ވިދާޅުވި އެވެ. އެ ލޮރީއޮތީ ކައުންސިލުން އެދިގެން ހިލޭސާބަހަށް ކަމެއް ކޮށްދިނުމަށް ދޫކޮށްފައި ކަމަށް ހަލީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ލޮރީގެ އަގު ގާތްގަނޑަކަށް 3،50،000 ރުފިޔާއަށް އަރާނެ އެވެ. ހަލީލް ވިދާޅުވީ މިހާރު ލޮރީ އޮތީ އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ