މެގުއާ ރެކޯޑް ހެދި މެޗުގައި ޔުނައިޓެޑަށް ޕޮއިންޓެއް

މެންޗަސްޓަރ ޔުނައިޓެޑުގެ އިތުބާރު ޑިފެންޑަރު ހެރީ މެގުއާ ރެކޯޑް ހެދި މެޗުގައި ޔުނައިޓެޑާއި ލީޑްސްގެ މެޗު އެއްވަރުވެއްޖެއެވެ.
2019 ވަނަ އަހަރު ޔުނައިޓެޑާއި ގުޅުނު ފަހުން ޕްރިމިއަރ ލީގުގައި އެޓީމު ކުޅުނު ހުރިހާ މެޗެއްވެސް މެގުއާ ކުޅެފައިވާއިރު މި މުއްދަތުގައި އެޓީމުން ކުޅުނު 71 މެޗުގެ ފުރިހަމަ 90 މިނެޓުގައި އޭނާ ވަނީ ދަނޑުމަތީގައި ކުޅެފައެވެ. މިއާއެކު މެގުއާ ވަނީ މެދު ކެނޑުމެއްނެތި މި އަދަދަށް ދަނޑުމަތީގައި ވަގުތު ހަމަކުރި ކުޅުންތެރިޔާގެ ކުލަބު ރެކޯޑަކާއި އަރާ ހަމަކޮށްފައެވެ.
މެގުއާ އާއި އެއްވަރަށް ދެން މިއަދަދަށް ވަގުތު ހަމަކޮށްފައިވާ އަނެއް ކުޅުންތެރިޔަކީ ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ގެރީ ޕެލިސްޓަރ އެވެ. އޭނާ މި ރެކޯޑް ހަދާފައިވަނީ 1993 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 1995 ވަނަ އަހަރުގެ މެއި މަހާއި ދެމެދުއެވެ.
ތާރީހީ ރެކޯޑަކާއި މެގުއާ އަރާ ހަމަކުރި މިމެޗުގައި ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން މެޗުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައިވާއިރު، މި މެޗުގައި އެޓީމުގެ އެންމެ ނުރައްކާތެރި ހަމަލާތައް ފެނިގެން ގޮސްފައިވަނީ ހިލޭ ޖެހުންތަކުން ތަނަވަސްކުރި ފުރުސަތުތަކުންނެވެ.
އެގޮތުން ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ޑީއޭރިއާގެ ބޭރުން މާކަސް ރަޝްފޯޑް ފޮނުވާލި ހިލޭޖެހުން ފާހަގަކޮށްލެވެއެވެ. އެހެނެންމަވެސް ލީޑްސްގެ ކީޕަރު ވަނީ މި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ވަރަށް ހުށިޔާރު ކަމާއިއެކު ދިފާއުކޮށްފައެވެ. ޔުނައިޓެޑުން އުފެއްދި ގިނަ ހަމަލާތައް ގޯލަށް ވަނުމަށް ހުރަހަކަށްވީ ލީޑްސްގެ ޑިފެންޑަރުންނާއި ކީޕަރެވެ.
މި ނަތީޖާއާއިއެކު ޔުނައިޓެޑަށް 33 މެޗުން 67 ޕޮއިންޓު ހޯދައިގެން ލިބެނީ ތާވަލުގެ ދެވަނައެވެ. އެއްވަނައިގައި 33 މެޗުން 77 ޕޮއިންޓާއެކު ވާދަވެރި މެންޗަސްޓަރ ސިޓީ އޮތްއިރު ޔުނައިޓެޑު އަތުން ބަލިވި ލީޑްސް އޮތީ ތާވަލުގެ 9 ވަނައިގައި 33 މެޗުން 47 ޕޮއިންޓާއިއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ