ޗެލްސީ ބަލިކޮށް ލިވަޕޫލުން އެފްއޭ ކަޕް ކާމިޔާބުކޮށްފި

ލިވަޕޫލުން 8 ވަނަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކޮށްފިއެވެ.
ލިވަޕޫލުން މި ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކޮށް 8 ވަނަ ފަހަރަކަށް މި ޝަރަފު ހޯދީ، ހޮނިހިރު ދުވަހުގެރޭ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީގެ މައްޗަށް ކުރިހޯދައިގެންނެވެ.
ނޭވާ ހިފަހައްޓާލަން ޖެހުނު އެތައް ވަގުތެއް ދިޔަ މި ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ ފުރިހަމަވަގުތުގެ 90 މިނެޓުގެ ކުޅުން، ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ނަމަވެސް، ލަނޑެއް ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމުންވެސް ވަނީ ތަނަވަސްކޮށްފައެވެ.
މެޗުގައި ޗެލްސީ އަށް 10 ހަމަލާއެއް އުފެއްދުނުއިރު ގޯލާއި އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެކެވެ. އަދި ލިވަޕޫލުން 17 ހަމަލާއެއް މެޗުގައި އުފެއްދިއިރު އެޓީމަށްވެސް ގޯލާއި އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެކެވެ. އެހެންނަމަވެސް ލިވަޕޫލްގެ ހަމަލާތައް ވަރުގަދަވެފައި ނުރައްކާތެރިކަން ފާހަގަކޮށްލެވުނެވެ.
އެގޮތުން މެޗުގެ 83 ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިއާޒް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. މީގެއިތުރުންވެސް އެޓީމުން އުފެއްދި ގިނަ ހަމަލާތަކެއްގެ ނުރައްކާ ބޮޑުވިކަން ފާހަގަކޮށްލެވެއެވެ.
ފުރިހަމަވަގުތުގެ ކުޅުން ހަމަވިއިރުވެސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ކުޅުނު އިތުރުވަގުތުގެ ދެހާފު ކުޅުނުއިރުވެސް ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ފައިނަލް މެޗުން ލިވަޕޫލް މޮޅުވެ މި ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދީ ޕެނަލްޓީގައި 5-6 އިން ކުރިހޯދައިގެންނެވެ.
ޗެލްސީން ޕެނަލްޓީ ފޮނުވާލި ކުޅުންތެރިންގެ ތެރެއިން މާކޯސް އެލޮންސޯ، ރީސް ޖޭމްސް އަދި ރޮސް ބާކްލީ އާއި ޖޯޖީނިއޯގެ އިތުރުން ހަކީމް ޒިޔެޗް ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. އެޓީމުން ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ މޭސަން މައުންޓް އަދި ސެޒާ އަޒްޕްލިކެޓާ އަށެވެ.
ލިވަޕޫލްގެ ޕެނަލްޓީތަކުގެ ތެރެއިން ޖޭމްސް މިލްނާ، ތިއާގޯ، ރޮބާޓޯ ފިރްމީނޯ އަދި ޓްރެންޓް އެލެކްސަންޑާ އާނޯލްޑާއި ޑިއޯގޯ ޖޮޓާގެ އިތުރުން ކޮންސްޓެންޓިނޯސް ސިމިކާސް ފޮނުވާލި ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ. އެޓީމުން ޕެންލޓީ ކާމިޔާބު ނުކުރެވުނީ އިތުބާރު ފޯވާޑް ސަޑިއޯ މާނޭ އަށް އެކަންޏެވެ.
ފައިނަލުގައި ޗެލްސީ ބަލިކޮށް ލިވަޕޫލުން އެފްއޭ ކަޕުގެ ތަށި އުފުލާލިއިރު، މި ސީޒަނުގެ އީއެފްއެލް ކަޕުގެ ފައިނަލުގައިވެސް ލިވަޕޫލުން ވަނީ ޕެނަލްޓީގައި ޗެލްސީގެ މައްޗަށް ކުރިހޯދައިގެން މުބާރާތް ކާމިޔާބު ކޮށްފައެވެ.
މި ސީޒަނުގެ އެފްއޭ ކަޕްގެ ތަށި ލިވަޕޫލުން އުފުލާލިއިރު އެޓީމުން އެންމެފަހުން މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ 2005/2006 ވަނަ އަހަރުގެ ސީޒަނުގައެވެ. އެފަހަރު ލިވަޕޫލުން އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި ވެސްޓްހަމްގެ މައްޗަށް ޕެނަލްޓީން ކުރިހޯދައިގެންނެވެ.
ލިވަޕޫލުން އެންމެފަހުން އެފްއޭ ކަޕުގެ ފައިނަލުގައި ކުޅެފައިވަނީ 2011-2012 ވަނަ އަހަރުގެ ސީޒަނުގައެވެ. އެފަހަރު ލިވަޕޫލް ފައިނަލުގައި ބަލިވީ ޗެލްސީ އަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ