ރަސްމީ ދަތުރުފުޅެއްގައި ނަޝީދު ސީޝެލްސްއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސީޝެލްސްއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
ނަޝީދު ސީޝެލްސްއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުއެވެ.
މަޖިލީހުން ބުނީ، ނަޝީދުގެ މިދަތުރުފުޅުގައި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސީޝެލްސްގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސްއާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޖިލީހުން ބުނެއެވެ.
މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތްކުރެއްވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަންކަމާމެދު މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން ވަނީ ބުނެއެވެ.
މަޖިލީހުން އިތުރަށް ބުނީ، ރާއްޖެއާއި ސީޝެލްސްއަކީ ދާދި އެއްގޮތަކަށް އިންޑިއާ ކަނޑުގައި އުފެދިފައިވާ ދެގައުމުކަމާ އަދި ދެގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ވެސް ދާދި އެއްގޮތް ކަންތައްތަކެއް ކަމަށް ވެސް ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރާއީސްގެ ދައުވަތު ސިޓީގައި ފާހަގަކުރައްވާފައިވާ ކަމަށެވެ.
އެހެން ކަމުން ދެގައުމުގެ ދެމެދުގައި ވާ ގުޅުން ބަދަހިކޮށް އެކުއެކީގައި މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައިވާ ކަމަށް މަޖިލީހުން ބުނެއެވެ.
މަޖިލީހުން ބުނީ، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން މުސްތަގުލުގައި އިތުރަށް ބަދަހިކުރުމާއި އަދި ދެ ގައުމުން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއައްސަސާތަކުގެ އެހީގައި އެދެގައުމުގެ ކުރިއެރުމަށް އިތުރަށް މަސައްކަތްކުރުމުގެ ފުރުސަތުތައް ފަހިކުރުމުގެ މުހިންމުކަންވެސް އެސިޓީގައި ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ