ރައީސް ވަޑައިގެން ވޯޓްދެއްވާށޭ ވިދާޅުވީމާ ދެން އިތުރަށް ވިސްނާނެކަމެއްނެތް: ގާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދެއްވާށޭ ވިދާޅުވީމާ، ކޮމަންޑޫ ދާއިރާގެ ރައްޔިތުން ދެން އިތުރަށް ވިސްނުމުގެ ބޭނުމެއް އޮތްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު ރާޝިދުގެ ކެމްޕެއިންގައި ބައިވެރިވެވަޑައި ގަތުމަށް ކޮމަންޑޫ ދާއިރާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ދާއިރާގައި ހިމެނޭ ފޯކައިދޫގައި މިއަދު ހަވީރު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަފްސީލް ދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ސަރުކާރު ހިންގަނީ އެމްޑީޕީން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ބޭފުޅެއް ކަމަށާއި، ރާއްޖޭގެ ހުރިހާކަމެއް ފޮރުޅާލުމުގެ ބާރު އޮތީ ރައީސްގެ އަތްޕުޅުގައި ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ މުހިންމުކަން ދާއިރާގެ ރައްޔިތުން ވިސްނާވަޑައި ގަތުމަށާއި، ދާއިރާގައި ހިމެނޭ 3 ރަށަށް ތަރައްގީއާއި ކާމިޔާބީ ލިބިގެންދާނީ ކާކު ހޮވައިގެންކަން ރައްޔިތުން ވިސްނާވަޑައިގަތުމަށް ގާސިމް އެދިވަޑައި ގެންނެވިއެވެ.
ގާސިމް ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު ރާޝިދަށް ވޯޓްދިނުން ނޫންގޮތެއް ކޮމަންޑޫ ދާއިރާގެ ރައްޔިތުން އިޚްތިތާރު ކޮށްފިނަމަ އެއީ ލިބިގަންނަ ވަރަށްބޮޑު ނިކަމެތިކަމެއް ކަމަށެވެ. އެހެންނަމަވެސް ގޮތް ނިންމުމުގެ އިޚްތިތާރު އޮތީ ދާއިރާގެ ރައްޔިތުންގެ އަތްމަތީގައި ކަމަށް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ކޮމަންޑޫ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް މިހާރުވެސް ސަރުކާރުން ހިންގަމުންގެންދާ މަޝްރޫއުތައް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އަންނަންހުރި އެތައް މަޝްރޫއެއް އެބަހުރިކަންވެސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ތަރައްގީއާއެކު ދާއިރާގެ ރައްޔިތުން ތިބިކަން ބޮޑު ތަފާތަކުން ދެއްކުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހްއަކީ އަމާނާތްތެރިކަމާއި އިންސާފުވެރިކަމާއެކު ވެރިކަން ކުރައްވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނަށް އެންމެންގެ އެއްބާރުލެއްވުމާއި ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެގޮތުގެމަތިން، ކޮމަންޑޫ ދާއިރާއަށްވެސް އެންމެ ފައިދާ ބޮޑުވާނީ އަދި ސަރުކާރުގެ ރުހުމާއި ލޯބި ލިބޭނީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓްދީގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
ކޮވިޑްގެ މުސީބާތާ ކުރިމަތިވުމުންވެސް، ސަރުކާރުގެ ކަންކަން އިންތިޒާމު ވެގެންދިޔައީ ވަރަށް ފުރިހަމައަށް ކަމަށާއި، ރާއްޖެއާއި މުޅި ދުނިޔެއަށް ކުރިމަތިވެގެންދިޔަ އިގްތިސާދީ ދަތިތަކާ އެކުވެސް ފައިސާ ހޯދައިގެން ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށްދާކަން ގާސިމް ފާހަގަކުރެއްވިއެވެ.
އިގްތިސާދީ ދަތިކަން ކުރިމަތިވިޔަސް، ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ކޮވިޑްގެ ސަބަބުން ބަނޑުހައި ހޫނުކަމުގައި އެކަކުވެސް ހުރިކަމަށް ގަބޫލު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ