ރިޔާސީ އިންތިހާބަކަށް މީހަކު ނުނެރެން ޖޭޕީގެ އަސާސީ ގަވާއިދާ ހިލާފު: ގާސިމް

ރިޔާސީ އިންތިހާބަކަށް މީހަކު ނުނެރެން ކޮންގްރެސްއަކުން ނުނިންމާނެ ކަމަށާއި އެއީ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވައިދާ ވެސް ހިލާފުވާނެ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ."ތައްޔާރު" ނަމުގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މައިގަނޑު މަގްސަދަކަށް އޮންނަން ވާނީ ރިޔާސީ އިންތިހާބުގައި ވާދަކުރުން ކަމަށެވެ. މިހާތަނަށް ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުން އައީ ވެސް އެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.ރިޔާސީ އިންތިހާބު ވަރަށް ކައިރީގައި އޮތް އިރު، އިންތިހާބު އަންނަންވާއިރަށް ޕާޓީން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދި ނުވެ އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. ޕާޓީގެ ނިންމުމަކަށް އަދި އޮތީ އިންތިހާބުގައި ވާދަކުރުން ކަމަށް ވިޔަސް އެ ނިންމުން ބަދަލުނުވާނެ ކަމަށް ދަންނަވަން ދަތި ކަމަށް ވިދާޅުވި އެވެ."ޕާޓީގެ ކައުންސިލްގެ ނިންމުމެއް ވެސް އެބަ އޮތް، އަޅުގަނޑުމެންގެ ޕާޓީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ނެރެން. އެކަމަކު އެ ނިންމުމަށް ބަދަލެއް ނާންނާނެކަން ދަންނަވަން އަދި ދަތި،" ގާސިމް ވިދާޅުވި އެވެ.މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ފިޔަވައި އެހެން ހުރިހާ އިންތިހާބެއްގައި ޖޭޕީގެ ފަރާތުން ނެރޭ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އެވެ. އެ ޕާޓީގެ އަސަސީ ގަވައިދުގައި އޮންނަ ގޮތުން ރިޔާސީ ކެންޑިޑޭޓަކީ އޭރަކު ޕާޓީގެ ލީޑަރެވެ."އެންމެ ފަހުން ބޭއްވި ބައްދަލުވުންތަކުގައި ނިންމާފައި އޮތީ ރިޔާސީ ކެނޑިޑޭޓަކު ޖޭޕީން ނެރޭނެ. އެ ނިންމުމަށް ބަދަލެއް އަންނާނެތޯ ނުވަތަ ނާންނާނެތޯ އެނގޭނީ ކޮންގަރެސް އާ ކައުންސިލް ހޮވީމަ. ހަމަގައިމުވެސް އަޅުގަނޑުމެން ބާކީ ވެގެން ނުދާނެ،" ގާސިމް ވިދާޅުވި އެވެ.އަދި ވިދާޅުވީ އެ ޕާޓީން ބޭނުންވާ ބަދަލުތައް ރާއްޖެއަށް ގެނެވޭނީ ހަގީގީ ބާރުވެރިކަން ލިބުނު ދުވަހުން ކަމަށެވެ. ގާސިމް އެ އިޝާރާތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމަކަށެވެ. ގާސިމް ސިފަ ކުރެއްވި ގޮތުގައި ސަރުކާރު ހިންގާ ކޯލިޝަންގައި އޮތުމަކީ "ދަލު ބޭރުން ޖެހިގެން" ތިބުން ފަދަ ކަމެކެވެ. އެހެންވީމަ އެ ޕާޓީއަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެެވެ.މިހާތަނަށް ކޮންމެ ސަރުކާރެއް އެކުލެވިފައި އޮތީ ޖޭޕީގެ ބައިވެރިވުން އޮވެގެނެވެ. ނަމަވެސް އެކަމަކީ އެހާ ވެސް ފަހުރުވެރިވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ގާސިމް މިރޭ ވިދާޅުވި އެވެ. އެކަމުން ހިތްވަރު ލިބިގެން އެއަށް ވުރެ ކުރިއަށްދާން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ވާދަ ކުރުމުގެ ޝައުގުވެރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ފާޅު ކުރައްވައިފަ އެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއެކު ކޯލިޝަނެއް ހަދައިގެން 2023 ކާމިޔާބު ކުރެއްވުމަށެވެ.އެކަން އިއުލާން ކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ ގާސިމް އާއި ޖޭޕީގެ ލީޑާޝިޕް އާއެކު އެމަނިކުފާނުގެ ރަށް، އދ. މާމިގިއްޔަށް ވެސް ވަޑައިގަންނަވާފަ އެވެ.ގާސިމް މިއަދު ވަނީ ރައީސް ކޮވިޑް-19 މެނޭޖު ކުރެއްވި ގޮތާއި އެމަނިކުފާނު ވެރިކަން ހިންގަވާ ގޮތަށް ތައުރީފް ކުރައްވައިފަ އެވެ."ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިހާތަނަށް ކޮށްދެއްވި އިހުލާސްތެރި މަސައްކަތަށް ޝުކުރު ދަންނަވަން. ލަންކާގެ ހާލަތު އޮތް ގޮތް އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭނެ. އެކަމަކު އެ ހާލަތަށް މި ރާއްޖެ ނުދޭ." ރައީސްއަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ، މިހާތަނަށް ކުރެވުނު ތަޖުރިބާއަކީ ކަންކަން ހައްލުވެގެން ދަނީ ވަކި ނިޒާމަކަށް ނުވަތަ ވަކި ގޮތަކަށް ގާނޫނު އަސާސީއާއި ގާނޫނުތައް ބައްޓަން ކޮށްގެން ނޫން ކަމަށެވެ. އެކަން ވެގެން ދަނީ އެ ކަމެއް ކުރުމުގެ ވިސްނުމާއި ގާބިލްކަން ހުރި މީހަކު ނުވަތަ ބަޔަކު އެ ކަންކަމާ ހަވާލުވުމުން ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ