ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ކޯޓުން ދޫކޮށްލުމުން އަލުން ހޯދަނީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލުމުން އޭނާ އަލުން ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން މިއަދު ހޯދަން އިއުލާނުކޮށްފައިވަނީ ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (41އ) އެވެ. ފުލުހުން ބުނީ މުޙައްމަދު ބިޝާރު އިސްމާޢީލްއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޖަނަވަރީ 19، 2020 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ކަމަށެވެ. ހަމައެހެންމެ އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން، އެ ކޯޓުން ވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ހުކުމް ކުރި ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް ދަޢުވާ ލިބޭ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުން އޭނާ ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފައެވެ. ފުލުހުން އިތުރަށް ބުނީ އޭނާ ދޫކޮށްލުމާ ގުޅިގެން ދައުލަތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ހައިކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުނުވެ ދެމި އޮތްކަމަށް ހުކުމްކޮށްފައިވާ ކަމަށެވެ. ހައިކޯޓުގެ މި އަމުރާ ގުޅިގެން ފުލުހުން އޭނާ ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ