ސްޓެލްކޯއިން ކަރަންޓް ބިލުން ޖޫރިމަނާ މައާފުކޮށްދޭ އުސޫލެއް ހަދަނީ

ސްޓެލްކޯ އިން ކަރަންޓްގެ ހިދުމަތް ހޯދަމުން އަންނަ ގޭބިސީތަކުގެ ބިލްތަކަށް ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލެއް އެކުލަވާލަމުން އަންނަކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
ރޭ، ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯއަކީ ދުޅަހެޔޮ ކުންފުންޏެއް ކަމަށާއި އެ ކުންފުނި ކުރިން ހިންގި ބޭފުޅުން ވެސް އެ ކުންފުނި ހިންގާފައި ވަނީ ވެސް ވަރަށް ރަނގަޅަށް ކަމަށެެވެ.
އެހެންނަމަވެސް ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ކުންފުނީގައި އެބަހުރި ކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ، ބިލުގެ ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލެއް މިހާތަނަށް ހެދިފައި ނެތް ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.
ކަރަންޓް ބިލް ނުދެއްކޭ ފަރާތްތަކަށް ޖޫރިމަނާ އަށް އަރާ ފައިސާ މައާފްކޮށް ދިނުމަށް އެ ކުންފުނިން އުސޫލެއް އެކުލަވާލަން މަސައްކަތް ކުރަމުން އަންނަ އިރު، ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ ފާހަގަ ކުރެވެއެވެ.
އެގޮތުން ގިނަ މަސްތަކެއްގެ ބިލް ނުދައްކާ ތިބޭ ގޭތަކުގެ ކަރަންޓް ކަނޑާލާ ހާލަތްތަކަށް ދާން ޖެހިއްޖެ ނަމަ އެ ހާލަތުގައި ޖުމްލަ ބިލް އެއްކޮށް ނުދެއްކޭ ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން މަސްމަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ އުސޫލެއް އެ ކުންފުނިން ހަމަޖައްސާފައި ވެއެވެ. އަދި އެ އުސޫލުން ފުރަތަމަ އިންސްޓޯލްމަންޓް ދެއްކުމުން ކަރަންޓްގެ ހިދުމަތް ލިބޭނެއެވެ. އަދި މެދު ނުކެނޑި ސްޓެލްކޯއާއެކު އެއްބަސްވެފައިވާ ގޮތަށް ބިލް ދެއްކުން ކުރިއަށް ގެންދާ ނަމަ ކަރަންޓް ހިދުމަތް މެދުނުކެނޑި ލިބޭނެއެވެ.
މި އުސޫލުތައް މިހެން ހުރި ނަމަވެސް އެންމެ ބޭނުންތެރި ކަމަކީ މަހުން މަހުން ދައްކަން ޖެހޭ ބިލްތައް ދެއްކުމަށް މަސައްކަތް ކުރުން ކަމަށާއި ކަރަންޓް އިސްރާފު ނުކޮށް ބޭނުން ކުރުން އާދަ ކުރުމް ކަމަށް އެ ކުްނފުނިން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ