ހަވީރު ނެރުން ހުއްޓާލުމުގެ އަމުރާ ގުޅިގެން ޖަމީލާއި ނަޝީދު ކަންބޮޑުވެވަޑައިގެންފި

ދުވަހު ނޫސް ހަވީރު ނެރުން ހުއްޓާލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރާއްޖޭގައި ނެރޭ އެންމެ ބޮޑު އަދި އެންމެ ދުވަސްވި ނޫސް "ހަވީރު" ނެރުން ހުއްޓާލުމަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ނަޝީދާއި ޑރ. ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ޓްވީޓް ކުރައްވާފަ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މައްސަލަ އުފެދިފައިވަނީ ހަވީރާ ގުޅޭ ވިޔަފާރީގައި ކަމަށެވެ. ހަވީރުގެ އެޑިޓޯރިއަލްގައި މައްސަލަ ޖެހިފައި ނުވާތީ ހުއްޓުވަން ޖެހޭނީ ހަވީރުގެ ވިޔަފާރި ކަމުގައިވެސް ވިދާޅުވި އެވެ.
"ހަވީރު ނެރެން ޖެހޭނެ،" ރައީސް ނަޝީދުގެ ޓްވީޓްގައިވެ އެވެ.
ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ޓްވީޓްތަކުގައި ވިދާޅުވީ ރާއްޖޭގައި ނެރެމުންދާ އެންމެ ދުވަސްވީ ނޫސް ނެރުން ހުއްޓާލުމަށް ނެރުނު ވަގުތީ އަމުރާއި ގުޅިގެން ލިބިވަޑައިގެންނެވީ ކުއްލި ސިހުމެއް ކަމަށެވެ. އަދި އެ އަމުރަކީ ނޫސްވެރިކަން ހަލާކުކޮށްލުމުގެ އަމަލެއް ކަމަށް ވަނީ ސިފަކުރައްވާފަ އެވެ. އަދި އެ އަމުރަކީ ރާއްޖޭގެ ޑިމްކޮރްސީއަށާއި މައުލޫމާތު ހޯދުމުގެ ހައްގަށް އެޅުނު ހުރަހެއް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
"ކޯޓުގެ އަމުރު އިއްތިފާގުން އައިސްފައި މިވަނީ އަބުރާ ބެހުން ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ބިލެއްވެސް ހުށަހަޅާފައިވާ ވަގުތެއްގައި. ނޫސްވެރިންނަށް އޮތީ ކަޅު ދުވަސްތަކެއް،" ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ހަވީރު ނޫސް ނެެރުން ވަގުތީ ގޮތުން ހުއްޓާލުމުގެ އަމުރެއް ސިވިލް ކޯޓުން މިއަދު ނެރުނީ އެ ނޫހުގެ މިލްކުވެރިކަމާއި މެދު ހުށަހަޅާފައިވާ މައްސަލަ އަކާއި ގުޅިގެންނެވެ. އަދި ވަގުތީ އަމުރު ނެރެފައިވަނީ ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު ހުށަހަޅާފައިވާ މައްސަލަ ނިމެންދެންނެވެ. ނަމަވެސް "ހަވީރު އޮންލައިން" އަށް މި އަމުރު ރައްދު ނުވާތީ މިހާރެކޭ ވެސް އެއްގޮތަށް ހަވީރު އޮންލައިން ކުރިއަށް ދާނެ ކަމަށް ހަވީރު އިދާރާއިން މައުލޫމާތުދެ އެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ގ. ކޮއްގިރި ފާރޫގު ހަސަނާއި ހ. މީރުބަހުރުގޭ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތަށް ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށެވެ. އަދި ހަވީރު ނޫސް އެޖެންސީގެ އެއްވެސް ބޭންކް އެކައުންޓަކުން އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށާއި އަދި ނޫހާއި ނޫސް އެޖެންސީގެ އެއްވެސް ކަމެއް ފާރޫގާއި ރަޝީދުގެ ބައިވެރިވުމެއް ނެތި ކުރިއަށް ނުގެންދިއުމަށް ވެސް އަމުރުގައިވެ އެވެ.
މީގެއިތުރުން ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެގޮތަށް އެއަމުރު ނެރުނީ ދައުވާ ކުރާ ދެ މީހުންގެ 50 ޕަސެންޓް ހަވީރުގައި އޮތުމާއި މިހާރު ހަވީރު ހިންގާ ހ. ނީލްވިލާ މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން މައްސަލަ ހުށަހެޅި ދެ ފަރާތަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި ފާރޫގާއި ރަޝީދަކީ ވަގުތީ އަމުރަށް އެދުުމުގެ ސިފަ ލިބިގެންވާ ދެމީހުން ކަމަށް ވެސް ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައިވެ އެވެ.
ހަވީރު ނޫސް ނެރުން ހުއްޓާލުމަށް ވަގުތީ އަމުރެއް މިއަދު ސިވިލް ކޯޓުން ނެރުނުއިރު ހަވީރު ނޫސް އެޖެންސީއަކީ އެނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް އޮތް ތަނެއް ކަމަށް ބުނެ މިދިޔަ އަހަރުގެ އޮގަސްޓު މަހު ހައި ކޯޓުން ވެސް ވަނީ ހުކުމް ކޮށްފަ އެވެ. ހައި ކޯޓުން ކުރި ހުކުމުގައި މިހާތަނަށް ހަވީރު ނިއުސް އެޖެންސީއަށް ލިބިފައިވާ ފައިދާގެ ތެރެއިން ފާރޫގާއި ރަޝީދަށް، ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް ފައިދާގެ ހަތަރު ބައިކުޅަ އެއް ބައި ދިނުމަށް ވަނީ އަންގާފަ އެވެ. ވީނިއުސްއަށް އެނގިފައިވާ ގޮތުގައި އެ މަރުހަލާ އަދި އޮތީ ކޯޓުގަ އެވެ.
މީގެ ކުރިން ހައި ކޯޓުން ނެރެފައިވާ ހުކުމްގައިވާ ގޮތުން ހަވީރުގެ އިތުރު ހިއްސާދާރަކު ވެސްވެ އެވެ. އެއީ ހ. ޓައިމްލެސް މުހައްމަދު ނައީމް ކަމަށްވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ