ފުޓްބޯޅަ ދަނޑެއް އެޅުމަށް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އެފްއޭއެމަށް ދޫކޮށްފައިވާ ބިމުގައި ހަދާފައި ހުރި އިމާރާތެއް ހުސްކުރަން، ދެކޮޅު ހަދަމުންދާ ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅަން އެފްއޭއެމުން ނިންމައިފި އެވެ.
ފުޓްބޯޅަ ދަނޑު ސަރަހައްދަށް ވާގޮތަށް ހުރި ހަރުމުދަލާއި ގުދަންތައް ހުސްކުރަން އެފްއޭއެމުން އާންމު ނޯޓިހެއް ނެރުނީ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ މުއްދަތުގައި ބައެއް ފަރާތްތަކުން ބަހައްޓާފައިވާ ހަރުމުދަލާއި ވެހިކަލް ނަގައި ސާފުކުރި ކަމަށް އެފްއޭއެމުން ބުންޏެވެ.
ނަމަވެސް އެ ބިމަށް ވާގޮތަށް ހަދާފައި ހުރި އިމާރާތެއް ހުސްކުރަން ތަކުރާރުކޮށް އެންގުމުން ވެސް ހުސްނުކުރާތީ އެފްއޭއެމުން ވަނީ އެ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން، ފެންނަ ގޮތުގައި އެ ކުންފުންޏަކީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ކުންފުންޏެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ލިސްޓްކޮށްފައި ވަނީ އޭނާގެ ނަމެވެ.
އެފްއޭއެމުން ބުނީ، ބިން ހުސްކުރަން އެ ކުންފުންޏަށް ތަކުރާރުކޮށް އެންގުމުން ވެސް ބިން ހުސްކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.
"ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން އެ ބިން ހުސްކުރުމަށް އެކި ފަހަރުމަތިން އެންގުމުން ވެސް އެ ބިން ހުސްކުރުމަށް އިއުތިރާޒު ކުރުމާއި އަދި އެ ބިން ހަވާލުކުރަން ދެކޮޅު ހަދަމުންދާތީވެ ފުޓްބޯޅަ ދަނޑު އެޅުމަށް އެ ބިން ހުސްކުރުމުގައި ގާނޫނީގޮތުން އަޅަން ހުރި ފިޔަވަޅުތައް އެޅުމަށް ނިންމުން،" އެފްއޭއެމްގެ އެކްސްކޯއިން ފާސްކޮށްފައިވާ ނިންމުންތަކުގެ މައުލޫމާތު ހާމަކުރުމަށް އާންމު ކުރި ލިޔުމުގައި ބުނެފައި ވެއެވެ.
އެފްއޭއެމުން ބުނިގޮތުގައި އޮއްޕޮގެ ކުންފުންޏަށް، އެ އެސޯސިއޭޝަނުގެ ކުރީގެ ލީޑާޝިޕުން ވަނީ 25 އަހަރަށް އެއްވެސް ކުއްޔެއް ނެތި 2500 އަކަފޫޓްގެ ބިމެއް ދޫކޮށްފަ އެވެ.
ކުއްޔަކާއި ނުލައި، އެ ބިން އެފްއޭއެމަށް ދޫކޮށްފައި ވަނީ 1.8 މިލިއަން ރުފިޔާގެ ކުނި އުކިމަށް ބުނެ އެވެ. އޭގެ ބަދަލެއްގެ ގޮތުންނެވެ. ނަމަވެސް ކުނިއުކުމަށް އެއްބަސްވުމެއް ހަދާފައިނުވާ ކަމަށް އެފްއޭއެމުން ބުންޏެވެ. "1.8 މިލިއަން ރުފިޔާގެ ކުނި އުކުމާ ބެެހޭގޮތުން އެފްއޭއެމާ އެކު އެއްބަސްވުމެއް ހަދާފައެއް ނުވޭ،" އެފްއޭއެމުން ބުންޏެވެ.
އެ ބިމުގައި ދެ ބުރީގެ އިމާރާތެއް އެ ކުންފުނިން ހަދާފައިވާ ކަމަށާއި ނަމަވެސް އިމާރާތް ކުރަން ނަގަން ޖެހޭ އެއްވެސް ހުއްދައެއް ހައުސިންގް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ނަގާފައި ނުވާކަމަށް، އެ ދެ އިދާރާއިން އެފްއޭއެމަށް ލިޔުމުން އަންގާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
"... އިމާރާތްކޮށްފައި ވަނީ ދައުލަތުގެ އެއްވެސް އިދާރާއަކުން ހުއްދަ ހޯދުމަކާއި ނުލައި، އޭގެތެރޭގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އަދި މާލޭ ސިޓީ ކައުންސިލުގެ އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާ ނުލައިކަން އެ ދެއިދާރާއިން އެފްއޭއެމަށް އަންގާފައިވޭ،" އެފްއޭއެމުން މީޑިއާ އަށް އާންމު ކުރި ލިޔުމުގައި ބުނެފައި ވެއެވެ.
އެފްއޭއެމުން ކުރާ ތުހުމަތުތައް ފިއުޗާ ހޯމްސްއިން ދޮގު ކުރެ އެވެ. އެ ކުންފުނީގެ އޮފިޝަލަކު ބުނީ ބިން ހުސްކުރަން ދެކޮޅު ނުހަދާކަމަށާއި އެ ބިމަށް ކުންފުނިން ކުރި ހަރަދުތަކާއި އަދި ބިން ނަގައިފިނަމަ ކުރިމަތިވާނެ ގެއްލުމުގެ ބަދަލު ލިބުމުން ބިން ހުސްކުރަން އިއުތިރާޒު ނުކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބިން ހުސްކުރަން ދެކޮޅު ހަދާތީ އޮއްޕޮގެ ކުންފުންޏާ ދެކޮޅަށް އެފްއޭއެމުން ގާނުނީ ފިޔަވަޅު އަޅަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ