ޕީޕީއެމްގެ އެތެރޭގެ ކަންކަމާ ބެހުމުގެ ހައިސިއްޔަތެއް ޕާޓީގެ ޕާލަމަންޓްރީ ގުރޫޕަށް ލިބިގެން ނުވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމް ތެރޭގައި ބޮޑެތި ޚިޔާލުތަފާތުންތަކެއް އުފެދި ޕާޓީ ދެބައިވެފައި ވަނިކޮށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެޅުއްވި ފިޔަވަޅުތަކާއި މެދު ހިތްހަމަނުޖެހިގެން ޕާލަމަންޓްރީ ގުރޫޕުން މިމަހުގެ 3 ވަނަ ދުވަހު އެމަނިކުފާނަށް ފޮނުއްވި ސިޓީއަށް ދެއްވި ޖަވާބުގައެވެ.
ޕީޕީއެމްގެ ޕާލަމަންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް އެޑްރެސްކުރައްވައި މައުމޫން މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން ޕާލަމަންޓްރީ ގުރޫޕަކީ ޕާޓީގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މަޖިލީހާ ގުޅޭ މަސައްކަތްތައް ރާވައި ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ގުރޫޕެއް ކަމަށެވެ.
އެހެންކަމުން ޕާލަމަންޓްރީ ގުރޫޕަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހާ ގުޅޭ މަސައްކަތްތައް ރާވާ ހިންގުމަށް އޮންނަ ގުނަވަނެއް ކަމަށް މައުމޫން ވިދާޅުވެފައި ވެއެވެ.
"އެހެންކަމުން މި މާއްދާގެ ބޭރުން ކަންކަން ނިންމެވުމުގެ ހައިސިއްޔަތެއް ޕީޖީ ގުރޫޕަށް ޕާޓީގެ އަސާސީ ގަވާއިދުގައި ލިބިދީފައި ނުވާ ވާހަކަ ދަންނަވަމެވެ" ނިހާނަށް މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.
މައުމޫން އިތުރަށް ވިދާޅުވެފައިވަނީ ޕާޓީ ތެރޭގައި ހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރަށް ޕާލަމަންޓްރީ ގުރޫޕުން ކޮށްފައިވާ މަސައްކަތްތައް ބެލުމަށް ނިހާނަށް ފޮނުއްވާފައިވާ ސީޓީގައި ހިމަނާފައިވާ ތަފުސީލުތައް މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ފޮނުއްވައިދެއްވުމަށް ވެސް މައުމޫން އެދިވަޑައިގެންފައި ވެއެވެ.
ޕާލަމަންޓްރީ ގުރޫޕްގެ މަސައްކަތުގެ ތަފުސީލް ހޯއްދެވުމަށް މިމަހުގެ 3 ވަނަ ދުވަހު މައުމޫން ފޮނުއްވި ސީޓިގައި ޕީޖީ ގުރޫޕުން މިހާތަނަށް ބޭއްވުނު ބައްދަލުވުމުންތަކާއި، އެ ބައްދަލުވުންތަކަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނާއި، އެ ބައްދަލުވުންތަކުން ނިންމާފައިވާ ކަންކަން އަންގައިދިނުމަށް ޕީޖީ ލީޑަރަށް ވަނީ އަންގަވާފައެވެ. އަދި މިހާތަނަށް އެކި މައްސަަލަތަކުގައި ޕީޖީ މެންބަރުން ވޯޓު ދެއްވާފައިވާ ގޮތުގެ ތަފުސީލާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، ބައްދަލުވުންތަކަށް ހުށަހެޅުނު އަދި ފާސްކުރެވުނު ކަންތައްތަކުގެ ތަފުސީލް ދިހަ ދުވަސްތެރޭގައި ހިއްސާކުރުމަށް ރައީސް މައުމޫން ވަނީ އަންގަވާފައެވެ.
ހަމަ އެދުވަހު ޕާލަމަންޓްރީ ގުރޫޕުން ވަނީ މައުމޫނަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު ޕާލަމަންޓްރީ ގުރޫޕްގެ ބައްދަލުވުންވެސް ބާއްވާ ކަމަށާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ބަލަހައްޓަނީ ޕާލަމަންޓްރީ ގުރޫޕްގެ ސެކްރެޓަރީ ކަމަށެވެ.
ޕާޓީގެ އެއްވެސް ކޮމިޓީއެއްގެ ބައްދަލުވުމެއް މައުމޫނަށް ނާންގާ ނުބޭއްވުމަށް އެމަނިކުފާނު އަންގަވާފައިވާތީ ޕާލަމަންޓްރީ ގުރޫޕުގެ ސިޓީގައި އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ. ޕާޓީގެ ކައުންސިލުގެ މަޝްވަރާއާ ނުލައި މައުމޫން ނިންމަވާފައިވާ އެ ނިންމެވުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ޕާލަމަންޓްރީ ގުރޫޕުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޕާޓީގެ ގުނަވަންތަކުގެ މަސައްކަތް އަލުން ފަށައިގަނެވޭނީ ކައުންސިލް ބައްދަލުވުމެއް ބޭއްވިގެން ކަަމަށާއި 3 ދުވަހުގެ ތެރޭ ކައުންސިލް ބައްދަލުވުމެއް ބާއްވައިދިނުމަށް ޕާލަމަންޓްރީ ގުރޫޕްގެ މެމްބަރުންވެސް ހިމެނޭ ގޮތުން ކައުންސިލުގެ 20 މެމްބަރަކު ހުށަހަޅުއްވާފައިވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
މީގެ އިތުރަށް ނިހާން ސޮއިކުރައްވައި ފޮނުއްވާފައިވާ އެ ސިޓީގައި ވަނީ ކައުންސިލް ބައްދަލުވުން ނުބާއްވާ ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ބައްދަލުވުން ނުބާއްވާ ލަސްކުރައްވާނަމަ ކައުންސިލްގައި ހިމެނޭ ޕީޖީ މެމްބަރުން ކައުންސިލް ބައްދަލުވުންތައް ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މައުމޫން އެދިވަޑައިގެންފައިވާ މައުލޫމާތުތައް ކައުންސިލް ބައްދަލުވުމަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާ ކަމަށް ވެސް އެ ސިޓީގައި ނިހާން ވިދާޅުވެފައި ވެއެވެ.
ޕާޓީގެ އެތެރޭގެ ކަންކަމާ ޕާލަމަންޓްރީ ގުރޫޕަށް ނުބެހެވޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ