އެމްޑީއޭގެ ލީޑަރަށް ކުރީގެ ރައީސް މައުމޫން ތަހުނިޔާ ވިދާޅުވެއްޖެ

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައެންސް (އެމްޑީއޭ) އުފެދުމުގެ މުނާސަބަތުގައި އެ ޕާޓީގެ އިންތިގާލީ ލީޑަރު، އަހުމަދު ސިޔާމް މުހައްމަދަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫނު އެ ތަހުނިޔާ ފޮނުއްވާފައި ވަނީ މިއަދު ހެނދުނު އެމްޑީއޭގެ އޮފީހަށް އެމަނިކުފާނު ފޮނުއްވި މެސެޖެއްގަ އެވެ.
ރައީސް މައުމޫނުގެ އެ މެސެޖުގައި އެމްޑީއޭ އުފެދުމުގެ އުފާވެރި މުނާސަބަތުގައި ޕީޕީއެމްގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ އާއި މުބާރަކުބާދީ ފޮނުއްވާފައިވެ އެވެ. ޕާޓީގެ އިންތިގާލީ ލީޑަރަކަށް ސިޔާމް ހޮވިވަޑައިގަތުމަކީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ، ސިޔާމަކީ ސިޔާސީ ތަޖުރިބާ މުއްސަނދި ބޭފުޅެއް ކަމަށް މައުމޫނުގެ މެސެޖުގައި ފާހަގަ ކުރައްވައިފައިވެ އެވެ.
އަލަށް އުފެއްދި ޕާޓީގެ ސަބަބުން ގައުމަށް ހަމަޖެހުމާއި ކުރިއެރުން ލިބުމުގެ ފުރުސަތު އިތުރަށް ހުޅުވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ގައުމަށް ލާބަޔާއި މަންފާ ހުރި ކޮންމެ ކަމެއްގައި ޕީޕީއެމް އިން އެމްޑީއޭ އަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވައިލައްވަމުން އެމްޑީއޭ އަށް ހުރިހާ ވެސް ކުރިއެރުމަކާއި ތަރައްގީ އަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ