ނައިފަރު ދާއިރާ އަދި ނޮޅިވަރަމް ދާއިރާގެ އިންތިހާބު ވެސް ބާތިލުކުރަން ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ އިންތިހާބާއި ނޮޅިވަރަމް ދާއިރާގެ އިންތިހާބު ބާތިލްކުރަން ހައިކޯޓަށް ހުށައަޅައިފިއެވެ.
ނޮޅިވަރަމް ދާއިރާގެ އިންތިހާބު ބާތިލުކުރަން ކޯޓަށް މައްސަލަ ހުށަހެޅީ 27 ވޯޓުގެ ތަފާތަކުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ހުސެއިން އަރީފާ ވާދަކޮށް ބަލިވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާރިފެވެ.
ނައިފަރު ދާއިރާގެ މައްސަލަ ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ފަރާތުން ނެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އެ ދާއިރާއަށް ވާދަކުރެއްވި އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަހުމަދު މުހައްމަދު ނާކާމިޔާބުވެ ވަޑައިގަތީ އަމިއްލަ ކެންޑިޑޭޓް އަހުމަދު ޝިޔާމާ ވާދަކޮށް 100 ވަރަކަށް ވޯޓުގެ ތަފާތުންނެވެ. އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވި އަހުމަދު ޝިޔާމު ވަނީ މިހާރު ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ.
މީގެ އިތުރުން ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލް ކުރަން ހުށަހެޅި މައްސަލަ އާއި ފުނަދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލަމުންދާއިރު ކުރެންދޫ އަދި ތިމަރަފުށީ ދާއިރާގެ މައްސަލައިގެ އަޑުއެހުމަށް މާދަމާ ބާއްވާގޮތަށް ވަނީ ނިންމާފައެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލާއިރު އަދި އެ ބާވަތުގެ މައްސަލަތަކަކީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ