ގިނަދުވަސްތަކަކަށްފަހު ސްކޫލްތަކުގެ ކިޔެވުން މިއަދު އަލުން ފެށެތީ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމަކާއި ޚާއްޞަ އަހައްމިއްޔަތެއް ދެއްވައިގެން ހުރިހާ ފަރާތްތަކަކުންވެސް މަގުމަތި ބޭނުންކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ޚާއްޞަ ގޮތެއްގައި ސްކޫލްތައް ހިމެނޭ ސަރަޙައްދުގެ މަގުތަކުގައި ސްކޫލްތަކަށް ވަދެ ނިކުމެ ހެދުމަށް ދަތިވާގޮތަށް ޕާކު ނުކުރުމަށާއި ސްކޫލްތައް ހިމެނޭ ސަރަޙައްދުގެ މަގުތަކުގައި ދުއްވާއިރު ކަނޑައެޅިފައިވާ ސްޕީޑަށް ދުއްވުމަށް މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަކީ ސްކޫލުތަކުގެ ދަރިވަރުންނަށާއި މަގުމަތީގައި ހިނގާބިނގާވާ އެހެނިހެން މީހުންނާއި ދުއްވާ އެއްޗެތި ދުއްވާ ފަރާތްތަކަށްވެސް މުހިއްމު ކަމެއް ކަމަށާއި އެހެންކަމުން ސްކޫލު މަދްރަސާތައް ފެށޭ ވަގުތުގައާއި ދަރިވަރުން ނިމޭ ވަގުތުތަކުގައި ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ޙަރަކާތްތެރިވަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި ސްކޫލު ފެށޭ ވަގުތާއި ނިމޭވަގުތުތަކުގައި މަގުމަތި ކާރުބާރު ބޮޑުވެ، ދަރިވަރުންނަށާއި ސްކޫލަށް ވަޑައިގަންނަވާ ފަރާތްތަކަށް ރައްކާތެރިކަން އިތުރު ކުރުމުގެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެފަދަ ވަގުތުތަކުގައި ހެވީ ވެހިކަލްތައް ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި ކަނޑައެޅިފައިވާ މަގުތަކެއްގައި ދުއްވުން މަނާކޮށްފައެވެ.
މިގޮތުން ސްކޫލުތައް ހިމެނޭ ސަރަޙައްދުގައި ސްކޫލުތަކުގެ ކިޔެވުން އޮންނަ ދުވަސްތަކުގެ ހެނދުނު 06:00 ން 08:15 އަށް، މެންދުރު 12:00 ން 14:00 އަށް އަދި ހަވީރު 17:15 ން 19:00 އަށް ލޮރީ، ޕިކަޕް، ތެޔޮ ބައުޒަރު، ކުނިއުފުލާ ވެހިކަލް، ކެރޭން، ފޯކްލިފްޓް ފަދަ ތަކެތި ދުއްވުން ވަނީ މަނާކޮށްފައެވެ.
ސްކޫލް ސަރަޙައްދުގެ ޓްރެފިކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ