ޒައީމް މައުމޫން ކުޅި ހިންގަވަން ހުރި ގޮޅިތައް މަދެއް ނޫން!

ޢަބްދުﷲ ޝިނާން
ޑީއާރުޕީތެރޭ " 2 ފެކްޝަނެއް" ނެތްކަމަށާއި އެހެން ނަމަވެސް "ހިޔާލުތަފާތުވުން ތަކެއް" އުޅޭ ކަމަށް މެލޭޝިޔާގައި ދުވަސްތަކެއް ވަންދެން ހުންނެވުމަށް ފަހު މާލެ ވަޑައިގެންނެވި ރޭ ހުޅުލޭގެ ވީއައިޕީގައި ހުންނަވާ ޒައީމު މައުމޫނު ވިދާޅުވިއެވެ. ނަމަވެސް މިއަދު އެއްކަމެއް ވަރަށް ސާފުކޮށް އެބަ ފެނެއެވެ. އެއީ ޑިއާރުޕީތެރޭ ހަމައެކަނި އުޅެނީ ހިޔާލު ތަފާވުންތަކެއް ނޫންކަމެވެ. އެ ޕާޓީ ވަނީ ދެބަޔަކަށް ބެހިފައިކަމެވެ. އެއީ ޒައީމް މައުމޫނުގެ ބަޔާއި ލީޑަރ ތަސްމީނުގެ ބައެކެވެ.
ބައެއް ފަރާތްތަކުން ބުނަމުން ދަނީ ޒައީމް މައުމޫނަށް ދާދި އަވަހަށް އަރަން ހުރި ގޮޅިތައް ހުސްވާނެ ކަމަށެވެ. މިހެން ބުނާ ފަރާތްތަކުން މިގޮތަށް ބުނަނީ ވަރަށް މުހިއްމު ސަބަބަކާއި އަޅުވާފައެވެ. އެއީ ދިވެހިރައްޔިތުންގެ ޕާޓީ ނުވަތަ ޑީއަރުޕީގެ ހުރިހާ ގުނަންތަކެއްގެ ފުރިހަމަ ކޮންޓްރޯލު އޮތީ ތަސްމީނުގެ އަތްމަތިގައި ކަމުންނެވެ. އެހެންކަމުން "ޗާޓުތެރޭން" ކުޅެ ތަސްމީނުގެ މައްޗަށް ބާރު ފޯރުވުމަކީ ހަމަ ހިލާ ކުރެވޭނެ ކަމެއް ކަމުގައި އެފަރާތްތަކުން ގަބޫލު ނުކުރާތީއެވެ.
މިވަގުތު ލީޑަރ ތަސްމީނުގެ އަތްމަތީ ޕާޓީގެ ފުރިހަމަ ކޮންޓްރޯލު އޮތްކަމުގައި ވީނަމަވެސް ޒައީމް މައުމޫނަށް ކުޅިހިންގުމަށް ހުރި ގޮޅިތައް ވަކި މަދެއްނޫނެވެ. އޭގެތެރެއިން ފެންނާން ހުރި ބައެއް ގޮޅިތަކަށް މި ފުރުސަތުގައި ބަލާލެވޭތޯ މަސައްކަތްކުރާނަމެވެ.
ނޭގުމެއްގެތެރޭ ސިޔާސީ ހުރިހާ ފަރާތްތަކެއް ބޭތިއްބުން:
ޒައީމް މައުމޫނު ކުޅި ހިންގަވާ ގޮތުން އެންމެންނަށް މިވަނީ އޮޅުން އަރާފައެވެ. އެންމެ ކައިރީގައި ތިއްބަވާ ބޭފުޅުންނަށްވެސް ވާގޮތެއް ނޭނގެއެވެ. ދުރުގައި ބަލަން ތިބި މީހުންނަށްވެސް ވަނުވާއެއް ނޭގެއެވެ. އެކަމަކު އެއްކަމެއް އެނގެން އެބައޮތެވެ. އެއީ ކުޅި ހިންގަވާކަމެވެ. ކުޅިހިންގާވާ ބާރުމިން އަދި މަޑުމިން މިއީ އެއްވެސް މީހަކަށް ނޭނގޭ ކަންތަކެވެ.
ޒައީމް މައުމޫނުގެ އެންމެ އަރިސްކަމަށް މިހާރު ފެންނަ ބައެއް ބޭފުޅުން ބުނަމުން ދަނީ ޒައީމް މައުމޫނު ނުކުންނެވުން ނޫން އިތުރުގޮތެއް ނެތްކަމަށެވެ. ހަމަ އެހާ އަރިސް އެހެން ބައެއް ބޭފުޅުން ބުނަމުން ދަނީ ޒައީމް މައުމޫނު ދެނެއް ނުނިކުން ނަވާނެ ކަމަށެވެ. ލީޑަރ ތަސްމީނުގެ ފެކްޝަނުގެ ތެރޭން ބައެއް ބޭފުޅުން ބުނަނީ ޒައީމް އުޅުއްވަނީ ޔާމީނަށް ފުރުސަތު ފަހިކުރެއްވުމަށްކަމަށެވެ. ހަމަ އެފެކްޝަނުގެ ބައެއް ފަރާތްތަކުން ބުނަނީ ޒައީމް ދެން ނުކުންނަވައިފިނަމަ ހަމަ ކުރީ ފަހަރުގެ ހިތި ތަޖްރިބާ ތަކުރާރު ކުރައްވަން ޖެހޭނެކަމެވެ. ސަރުކަރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ތާއިދު ކުރާ ބައެއް މީހުން ބުނަނީ ރައީސް މައުމޫނު 2013 ގައި ނުކުންނަވާނެކަމަށެވެ. އަނެއްބަޔަކު ބުނަނީ ރައީސް މައުމޫނު އެންމެ ފަހުވަގުތު އެ މަނިކުފާނުގެ ބޭފުޅަކަށް ތާއީދުކުރައްވާނީ ކަމަށެވެ.
ސިޔާސީ ބޭފުޅުންގެ ސިކުނޑި ތެރޭ ވާހަކަތައް ހުރީ މިފަދަ ގޮތަކަށެވެ. އެއްވެސް މީހަކަށް ޒައީމް ދެންކުރައްވާނީ ނުވަތަ ދެން ހައްދަވަން އުޅުއްވާ ގޮތަކީ ކޮބައި ކަމެއް ނޭނގެއެވެ. އެހެން ކަމުން އެންމެންވެސް މިދައްކަނީ ޒައީމް މައުމޫނުގެ ވާހަކައެވެ. މިއަދު އެއްކޮޅު އަދި އިދި ކޮޅު ފަރާތްތަކުންވެސް އެންމެ ގަދަޔަށް މިދައްކާ ވާހަކައަކީ ޒައީމް މައުމޫނުގެ ވާހަކައެވެ.
ބަޔަކު މީހުން މީހެއްގެ ނުރަނގަޅު ވާހަކަ އަބަދާ އަބަދު ދައްކާ ކަމަށް ވާނަމަ އެކަމާއި މެދު މީގެކުރިން ނުވިސްނާ މީހުން އެވާހަކަތަކާއި މެދު ވިސްނަން މަޖުބޫރު ކުރެއެވެ. އެދައްކާ ވާހަކަތައް ރަގަޅު ވިސްނުމަކުން ވިސްނުމަށް ފަހު އޭގައި އަސްލެއް ނެތްކަމަށް ދޭހަވާނަމަ އެވާހަކަތައް ރައްދުކުރާ މީހާއަށް އޭނަގެ ހަމްދަރުދީ ރައްދުވުން ވަރަށް ގާތެވެ. އާހިރުގައި ނޭނގި އެމީހަކަށް އެނާއަށް ތާއީދުކުރެވެއެވެ. ހާއްސަކޮށް މި ބިހޭވިއަރ ފެންނަނީ ސްވިންގް ވޯޓަރސް ނޫނީ އަން ޑިސައިޑެޑް ވޯޓަރސްގެ ފަރާތުންނެވެ. އެންމެ ފުޅާދާއިރާއެއްގައި އެންމެ އަގުހެޔޮކޮށް ކުރެވޭ އެންމެ އިފެކްޓިވް ކެންޕޭނަކީ މިފަދަ ކެންޕޭނުތަކެވެ. މިފަދަ ކެންޕެއިނަކަށް ބެނުންވާ ހުރިހާ އިންގްރެޑިއެންޓްސްއެއް ޒައީމް މައުމޫނުގެ މޭޒުކޮޅު މަތީ އެބަހުއްޓެވެ. އެކުޅި ވަރަށް ހުޝިޔާރުކަމާއި އެކީ ޒައީމް ކުޅުއްވަމުންގެންދާވާތަން އެބަފެނެއެވެ.
ސިޔާސީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ކިތަންމެ ވަރުގަދަ ލަޝްކަރެއް އޮތްނަމަވެސް ރަގަޅު ވަގުތުގައި ރަގަޅު ނިންމުން ނިންމަން ނޭގޭނަމަ އެލަޝްކަރަކުން އެވެރިކަމަކަށް ކުރާނެ ފައިދާއެއް ނެތެވެ. ރަގަޅު ވަގުތުގެ ބޭނުން ހިފަން ދަންނަ ވެރިޔަކަށް ކަނޑިޔާ ބަޑިން ލިބޭ ފައިދާއަށް ވުރެން ރަގަޅު ދަނޑިވަޅުގެ ބޭނުން ހިފައިގެން ލިބޭ ނަފާ ބޮޑުވާނެއެވެ. ޒައީމް މައުމޫނު ކުޅި ދަތުރު ކުރަނީ އެމަގުންކަމަށް ބެލެވެއެވެ. ސައިކިޔަން އެންމެ ރަގަޅު ވަގުތު އެސައިކިޔުން މުހިއްމުވާނެތީ އެކަމަށް ޖާގަދޭތަން ފެންނަކަހަލައެވެ.
އެއްފަހަރުން ސައި ކިޔާ ބަލިކުރުމުގެ ވިސްނުން ދޫކޮށް ހިކުމަތުން ސައިކުރަން ކުޅި ހިންގުން:
ޒައީމް މައުމޫނު ޑީއާރުޕީގެ ކުރިމަގާ ގުޅޭގޮތުން ނިންމަވާ ނިންމުން މިއީ އެންމެން ވެސް މިހާރު އިންތިޒާރު ކުރާ ވަގުތެވެ. އެކަމަކު ޒައީމު މައުމޫނު އަވަސް މުސްތަގުބަލެއްގައި ޑީއާރުޕީއާއި ގުޅޭ އެއްވެސް ނިންމުމެއް ނިންމަވާނެކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ޒައީމް މައުމޫނު ވަކި ގޮތެއް ނުނިންމަވާ ހުންނަވާ ކޮންމެ ދުވަހަކީ ލީޑަރ ތަސްމީނަށް ޕްރެޝަރ އިތުރުވާނެ ދުވަހެކެވެ. އަދި ތަސްމީނަށް ޒައީމް މައުމޫނާ ދެކޮޅަށް ސީދާ ހަތިޔާރު ނަގަން އުނދަގޫ ވާނެކަމެއްވެސްމެއެވެ. އެހެންކަމުން ނުސީދާ ގޮތުން މިހާރުވެސް ހަނގުރާމަ ބަދަލުކުރެވޭހެން މިހަނގުރާމަ ދެމިގެން ދާނެއެވެ. ޒައީމް މައުމޫނަށް ފައިދާ ބޮޑީއެގޮތެވެ.
މިހާރު މިފެންނަނީ ޒައީމް މައުމޫނަށް ނިސްބަތްކޮށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރ މަވޯޓާ ޝަރީފު ދެއްކެވި ވާހަކަ އާއި މެދު ޕާޓީގެ ލީޑަރޝިފުން ފިޔަވަޅު އެޅުމަށް ޕްރެޝަރކޮށް ޕެޓިޝަނެއް ތައްޔާރުކޮށް އެ ޕެޓިޝަނުގައި ޒައީމަށް ތާއީދުކުރާ ފަރާތްތަކުން ސޮއެކުރަމުންދާތަނެވެ. މި ޕެޓިޝަނުން ދޭހަ ކޮށްދޭނެ އެކައްޗަކީ އަދިވެސް ޒައީމަކީ މަގްބޫލު ބޭފުޅެއްކަމެވެ. އަދި މުޅި ރާއްޖޭގެ ގިނަބަޔަކު ތާއީދުކުރާ ބޭފުޅެއްކަމެވެ. ހާއްސަކޮށް ޑީއާރުޕީގެ މެންބަރުންގެ ތާއީދު އެބޭފުޅާއަށް އޮތްމިންވަރެވެ.
އަނެއް ޕްރެޝަރަކީ ޒައިމް މައުމޫނު ޕާޓީއެއް ހައްދަވަން އުޅޭ ވާހަކައެވެ. އެޕާޓީގެ ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިޔަށް ދާވާހަކައެވެ. މިއީ ހުސް ވާހަކައަށް ވެދާނެއެވެ. ނަމަވެސް މި ވާހަކަތަކުގެ ސަބަބުން ޕާޓީގެ ގްރާސް ރޫޓުގެ ޕްރެޝަރ ލީޑަރ ޝިފަށް ރައްދުވުމަކީ އެކަށީގެން ވާކަމެކެވެ. މިފަދަ ވާހަކަތަކަކީ ޒައީމް މައުމޫނު ބަހެއް ވިދާޅު ނުވި ކަމުގައިވިޔަސް ޕާޓީގެ ލީޑަރޝިޕަށް ކުރިމަތިވާނެ ޕްރެޝަރުތަކެވެ.
މި ޕެޓިޝަންގެ ސަބަބުން ލީޑަރ ތަސްމީނު ލީޑަރެއްގެ ގޮތުގައި ފާޅުވުމަށް މިހާރު ކުރާ މަސައްކަތްތަކަށް ހުރަސްތަކެއް އެޅޭނެއެވެ. އަތޮޅު ތެރޭގައާއި ރަށްތަކުގައި މި މައްސަލަ ނުކުންނާނެކަމަށް ބެލެވެއެވެ. ޒައީމު ކުޅި ހިންގާ މަގަށް ބަލާއިރު މިފެންނަނީ ތަސްމީނާއި ހިލާފަށް މަޑު މަޑުން، މަޑު މަޑުން ، ލީޑަރ ތަސްމީނު ބަލިކޮށް ކުޑަކަކޫ ޖެހެން ދެން ތިރި ކުރަމުންދާ މަންޒަރެވެ. ތަސްމީނު ކުޅުއްވި ނުރަގަޅު ކުޅިޔަކީ އެއްފަހަރުން ޖަހާ ޒައީމް މައުމޫނު ދުވަސް ދުއްވާލަން އުޅުމެވެ. ވަރުގަދަ ސިންގާއެއް ބަލިކޮށްލަން އެއީ ބުއްދިވެރި ވިސްނުމެއް ކަމަކަށް ނުބެލެވެއެވެ.
ހުޝިޔާރު ޝިކާރަވެރިޔަކު އެންމެ އެތިފަހަރަކުން ސިންގާއެއް މަރާލުމަކަށް ނުވިސްނާނެއެވެ. ޝިކާރަވެރިޔާ ބަލާނީ ތަފާތު އެތަކެއް ފަހަރު މަތިން ސިންގާއަށް ހަމަލަދީ ޒަހަމްކޮއްލާށެވެ. އެ ޒަހަމް ތަކުގެ ސަބަބުން އެސޮރު ބަލިވެ ނިކަމެތިވެދެއެވެ. އަމިއްލަ ބާރުގަ އަތެއް ފަޔެއް ގުޑުވާ ނުލެވޭ ހާ ނިކަމެތި ހާލަތަށް އެސޮރު އާދެއެވެ. "އެ ވަގުތުކޮޅުގެ" ބޭނުން ހިފާ ޖަންގަލީގެ އެބިޔަ ޖަނަވާރުގެ ކަރުގައި ޝިކާރަވެރިޔާގެ ތޫނު ހަންޖަރު ހިންގާލައެވެ. ވަރަށް ނިކަމެތި ބަލި ބަކަރިގަނޑެއް ފަދައިން އެއްވެސް ގަދަ ދެއްކުމެއް ނެތި ނިކަމެތި ހާލުގައި އެސޮރުގެ ނިމުމާއި ބައްދަލުކުރެއެވެ.
ޑިމޮކްރަސީއައި ގިނަ މީހުންގެ ބައިވެރި ވުމަށް ހުރަސް އަޅާ ބޭފުޅެއްގެ ގޮތުގައި ފެނުން:
މިއަދު އެންމެ ބާރަށް އެންމެ ވަރުގަދަޔަށް އީވޭ އެއް އަޑަކީ ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓަކު ނިންމަންވާނީ ޕްރައިމަރީއެއް ބާއްވައިގެން އޭގެ ތެރެއިންނޭ ބުނާ އަޑެވެ. ޕާޓީ ތެރޭ ދެބައިވެ، އުމަރު ފެކަޝަނެއް ހައްދަވައި އެންމެ ބޮޑަށް ވާކާލާތު އެކުރައްވަނީ އެފަދަ ހުޅުވާލެވިފައިވާ ޕްރައިމަރީއެއް ބޭއްވެވުމަށެވެ. ޒައީމް މައުމޫނުގެ ހަރަކާތްތަކުން ފެންނަނީ އެފަދަ ޕްރައިމަރީއަކަށް އެބޭފުޅާގެ ރުހުން އޮތް ކަމަށެވެ. ޑީއާރުޕީގެ މިއަދުގެ ލީޑަރ ތަސްމީނުގެ އަމަލުތަކުން ފެންނަނީ އެބޭފުޅާ ވީހާވެސް ބޮޑަކަށް ޕްރައިމަރީއަކަށް ފެއަށް ޖެހެން މަސައްކަތް ކުރައްވާހެނެވެ. ކޮންމެ އަގެއް ދައްކަވާފަ ނަމަވެސް ޕްރައިމަރީއެއް ނުބާއްވަވަން އުޅުއްވާ ކަހަލައެވެ. އެބޭފުޅާގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ "2013 ގައި ލީޑަރ ތަސްމީނު އަލީ ގެ ފަހަތުގައި ހުންނަވާ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު" ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ލީޑަރ ތަސްމީނު ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން އެބޭފުޅުންގެ ވާހަކައިގެ އަސްލު ބިނާކުރައްވަނީ ވަރަށް ރަގަޅު އާސާސެއްގެ މައްޗަށެވެ. އެއީ ޕާޓީގެ އަސާސީ ގަވައިދެވެ. އެބޭފުޅުންގެ ޒުވާބަކީ ޒައީމް މައުމޫނަށް 2008 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ޑިއާރުޕީން ލިބިލެއްވީ ހަމަ މިއަސާސުގެ ދަށުންކަމަށެވެ. އަދި މިހާރުގެ ލީޑަރ ތަސްމީނަށްވެސް އެފުރުސަތު ލިބިލެއްވީ ހަމަ އެ ހަމައިން ކަމުގައެވެ. އެހެންކަމުން މިއަދު އެ އަސްލު ޒައީމް މައުމޫނު ނެތުމުން ބަދަލުކުރަން ނުޖެހޭ ކަމަށެވެ. މިހާރު މިއޮތް ގޮތަށް 2013 ވަނަ އަހަރު ޑިއާރުޕީން ނުކުންނަ ރިޔާސީ ކެނޑިޑޭޓަކީ ތަސްމީނުކަން އެންމެ ފަހުން ނިމިދިޔަ ޑީއާރުޕީގެ ކޮންގްރެހުން ކަށަވަރު ކޮށްދީފި ކަމަށެވެ. އެހެންކަމުން ދެން ޕްރައިމަރީއަކަށް ގޮސް އަނެއްކާ ކެނޑިޑޭޓަކު ހޮވުމަކީ ހޭޖެހޭކަމެއް ނޫންކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. މިއަސާސް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ޑިއާރުޕީތެރޭ ޕްރައިމަރީޔަކުން ނޫންގޮތަކަށް ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން މަސައްކަތްކުރާ ފަރާތްތަށް ދެން ލޭބަލްވާނީ އާދައިގެ މީހުންގެ ހިޔާލާއި ފިކުރަށް ފުރަގަސްދޭ ބައެއްގެ ގޮތުގައެވެ.
އުމަރު ފެކްޝަނުން މައުމޫނުގެ "ބްލެސިންގް" އާއިއެކު އެބުނާ ވާހަކައަށް ކިޔަވައިގެން ތިބި ގިނަ މީހުން ތާއީދުކުރާނެ ކަމަށް ބެލެވެއެވެ. އެއީ ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ޕާޓީގަ ރަޖިސްޓްރީ ވެފައިވާ ހަމަ ކޮންމެ މީހަކަށް ވެސް ފުރުސަތު އޮންނަޖޭ ގޮތަށް އޮތުމެވެ. މީގެ ކުރިން އޮތް ގޮތް އެއީ އެންމެ ރަގަޅު ގޮތް ނޫންކަމަށެވެ. އެހެންވިމާ ކުރިން އެގޮތަށް އޮތޭ ބުނެ މިހާރު އެގޮތުގައި ހިފެހެއްޓުމަކީވެސް ހޭޖެހޭ ކަމެއް ނޫނެވެ.
މިހާރު ފެންނަ މަންޒަރުން ލީޑަރ ތަސްމީނަށް ޕްރައިމަރީއެއް ބާއްވަވަން ވަރަށް ބޮޑެތި ޕްރެޝަރުތަކެއް އެދަނީ ކުރިމަތި ކުރުވަމުންނެވެ. ނަމަވެސް ޒައީމް މައުމޫނުގެ ކުޅި އެހިންގަވާ މަގަށް ބަލާއިރު ބޮޑަށް ފެނިގެން ދަނީ ޕްރައިމަރީގެ ކަންކަން ނިންމަވާނީ ސިދާ ޒައީމް އެދޭ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ޕާޓީގެ މެންބަރުންގެ ތާއީދު ލިބޭނެކަމަށް ވެސް ފެނެއެވެ.
ޒައީމް ކުޅި ހިންގާ މަގަށް ބަލާއިރު ފެންނަނީ ލީޑަރ ތަސްމީނަށް ވަރަށް އަގުބޮޑު ފުރުސަތެއް ގެއްލިގެން ދިޔަތަނެވެ. އެއީ ކުރިން ޑިއާރުޕީން ބާއްވަމުން ދާފަދަ ކޮންޓްރޯލް ކޮންގުރެހެއް ބޭވުމުގެ ފުރުސަތު ގެއްލިގެން ދިއުމެވެ. ގޮފިތަކުގެ ރައީސުންނާއި އަދި ވަކިއަދަދަކަށް އަބާދީގެ ނިސްބަތުން ބަލާ އަތޮޅުތަކުންގެންނަ ވަފުދުތައް އެކުލޭ ޒާތުގެ ކޮންގްރެހެވެ. އެފަދަ ކޮންގްރެހެއް ބާއްވައިފި ނަމަ ލީޑަރ ތަސްމީނު އަޕަރހޭންޑް ނަންގަވަފާނެކަމަށް ޒައީމަށް ފެނުނުކަހަލައެވެ. އެހެން ކަމުން މިހަނގުރާމަ ދިގުލުމުގެ ސަބަބުން އަދި އެންމެ ފުރަތަމަ މި އިޝޫ ފެންމަތިވިހަމައިން ލީޑަރ މިކާމާ ދެކޮޅު ހެދުމުގެ ސަބަބުން މިހާރު އެފަދަ ކޮންގްރެހަކަށް ޒައީމް މައުމޫނު ތާއީދެއް ނުކުރައްވާނެއެވެ.
ނަމަވެސް އެންމެ ފުރަތަމަ މިވާހަކަ ފެންމަތިވި ހިސާބުން އެކަމަށް އާން ބަސްބުނެ އެކަން އެގޮތަށް ގެންދެވިނަމަ އެފުރުސަތު ލިބުމުގެ ފުރުސަތު ބޮޑުކަމަށް ފެނެއެވެ. މީހާރު ޒައީމް ޕްރައިމަރީއަކަށް ތާއީދު ކުރައްވާނަމަ ކުރައްވާނެކަމަށް ބެލެވެނީ ކޮންގްރެހުން ޕާޓީގެ ލީޑަރ ކަށަވަރު ކުރުމުގައި ވޯޓެއް ލުމުގެ ބަދަލުގައި ޕާޓީގެ ރަޖިސްޓްރީގައި ތިބި ހުރި ހައި މެންބަރުންނަށް ބައިވެރި ވެވޭނެ ކަހަލަ ޕްރައިމަރީ އެކެވެ. އެފަދަ ޕްރައިމަރީ އަކުން ކެނޑިޑޭޓަކު ހޮވާނަމަ ލީޑަރ ތަސްމީނަށް އެކަން ކޮންޓްރޯލް ކުރާކަށް ފަސޭހަފުޅެއް ނުވާނެއެވެ.
އެގޮތަށް ޑިއާރުޕީގައި ޕްރައިމަރީއެއް ބާއްވަން ނިންމައި އެޕްރައިމަރީގައި ތަސްމީނު ބައިވެރިވެއްޖެނަމަ އިދިކޮޅު ފެކްޝަނުން ތަސްމީނު ފްރޭމްކުރާނީ ޕާޓީގެ ގިނަ މެންބަރުންނަށް ފުރުސަތުދޭން ސީދާ ދެކޮޅު ހެއްދެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ހުދުމުހްތާރު ގޮތަކަށް ޕާޓީގެ ކަންކަން ހިންގަވަން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެފަދަ ޕްރައިމަރީއަކަށް ނުކުންނަ ހިސާބުން ލީޑަރ ތަސްމީނު ހުންނަވާނީ ޕާޓީގެ ގިނަ މެންބަރުން ބައިވެރިކުރަން ދެކޮޅު ހަދާ ބޭފުޅެއްގެ ގޮތުގައި ލޭބަލްވެ ނިމިފައެވެ. ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވަން ފާޓީގަ ހިމެނޭ ދަނޑުވެރިމީހާގެ ހައްގާ ސިދާ ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ. ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވަން ޕާޓީގަ ހިމެނޭ މަސައްކަތު މީހާގެ ހައްގާ ސިދާ ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ހޮވަން ޕާޓީގަ ހިމެނޭ މަސްވެރި މީހާއާއި އޭނާގެ އެޕާޓީއަށް ނިސްބަތްވާ ދަރިފުޅުގެ ހައްގާ ސީދާ ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ. އާހިރު ނަތީޖާއަކީ މި އާދައިގެ ނިކަމެތި ދަނޑުވެރިޔާއާއި މަސްވެރިޔާއާއި އަދި މަސައްކަތުމީހާއަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގައި އެމީހުންގެ ބަސް އިއްވުމަށް ފުރުސަތު ފަހިކޮށްދިނީ ޕާޓީގެ ޒައީމުގެ ބުރަ މަސައްކަތް ޕުޅުންކަން ގާބޫލުކުރުމެވެ. ޒައީމު ކުޅި އެހިންގަވަނީ އެތަން ފެނި އެދިމާލަށް ކަހަލައެވެ.
އެހެންކަމުން ޒައީމް މަޑުނ މަޑުން، ހަނު ހުންނަވައިގެން ހުންނެވިއެއްކަމަކު ބޮޑަށް ހޯދާ ބަލާ ބަޔަކަށް ޒައީމް ކުޅި ހިންގެވުމަށް ހުރި މަގުތައް ނުވަތަ ގޮޅިތައް މަދު ނޫންކަން ފެންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ