ހިޔާނާތުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް އަމީން 4 އަހަރާއި ހަމަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އަމީންއަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީގެ ކޮއްކޮ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އަމީން، 2004 ވަނަ އަހަރުގެ މެއި 1 އިން 2006 ވަނަ އަހަރުގެ އޭޕްރީލް 13 ގެ ނިޔަލަށް އުނގޫފާރު އޮފީހުގެ ފައިސާ އާއި ބެހޭ ކަންތައްތައް ބެލެހެއްޓުމުގައި މަސައްކަތް ކުރި ދުވަސްވަރު، އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ރަށު އޮފީހަށް ދެއްކި ފައިސާގެ ތެރެއިން އިންޖީނުގެއަށް ލިބޭ ފައިސާގެ ދުވަހުގެ ފޮތުގައި އިބްރާހިމް އަމީން ހަވާލުވެ ސޮއިކޮށްފައިވާ ފައިސާތަކުގެ ތެރެއިން 36818 ރުފިޔާއަށް ހިޔާނާތްތެރިވެފައިނުވާނެ ކަމަށް ބުނެ ދައުވާގެ އަސްލަށް އަމީން އިންކާރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެކި ދުވަސްވަރު އިންޖީނުގެއަށް ލިބޭ ފައިސާގެ ދުވަހު ފޮތުގައި އަމީން ހަވާލުވެ ސޮއިކޮށްފައިވާ ފައިސާގެ ތެރެއިން 36818 ރުފިޔާ މަދުވާ ކަމަށާއި އެފައިސާއަށް ވީ ގޮތެއް ބުނެދޭން ނޭންގޭ ކަމަށް އަމީން އެންޓި ކޮަރަޕްޝަން ބޯޑުގެ ތަހުގީގުގައި އާއި ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.
އަދި މި މައްސަލަ ތަހުގީގުކުރިއިރު އޭސީސީގެ ބޯޑުންކޮށްފައިވާ ތަހުގީގަކީ ސައްހަ އޮޑިޓެއް ނޫން ކަމަށް އަމީން ވިދާޅުވާއިރު އެކަން އަމީނަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާތީ އަމީންގެ އިއުތިރާފްގެ މައްޗަށް ބިނާކޮށް ހިޔާނާތްތެރިވުމުގެ ކުށުން އަމީން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންކަމުން މިއީ މިފަދަ ކުށެއް ކުރި ފުރަތަމަ ފަހަރު ކަމަށްވާތީ ކުށުގެ އުގޫބާތެއްގެ ގޮތުން 6 މަސް ދުވަސް، އަދި 10،000 ރުފިޔާއިން ފެށިގެން މަތީ އަދަދެއްގެ ފައިސާއިން ހިޔާނާތްތެރިވެފައިވާތީ ގާނޫނުލް އުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 3 އަހަރު ދުވަސް، އަދި ފައިސާއަށް ވީގޮތެއް ނޭންގޭ ކަމަށް އަމީން ވިދާޅުވާއިރު އެފައިސާ އާއި ހަވާލުވެހުރީ އަމީން ކަމަށްވާތީ ގާނޫނުލް އުގޫބާތުގެ 146 ވަނަ މާއްދާގެ ދަށުން 1 އަހަރު ދުވަހާއިއެކު ޖުމްލަ 4 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމްކުރާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.
ކްރިމިނަލް ކޯޓުން ވަނީ އަމީން ހިޔާނާތްތެރިކަމަށް ސާބިތުވި 36818 ރުފިޔާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށް އަންގާފައެވެ.
އަމީން އުނގޫފާރު ދާއިރާއަށް ކުރިމަތިލެއްވީ އަފްރާޝީމް އަވަހާރަކޮށްލުމުން އެދާއިރާގެ ގޮނޑި ހުސްވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައި އިލެކްޝަންގައި އެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަމީން ކުރެއްވި ނަމަވެސް ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އޭނާ އެއްވެސް ދާއިރާއަކަށް ކުރިމަތިލައްވާފައެއް ނުވެ އެވެ.
އަމީންގެ އަރުވާލަން ހުކުމް ކުރިއިރު، އޭނާގެ ބޭބެ، އުނގުފާރު ކައުންސިލްގެ ރައީސް އަބްދުއް ނާސިރު އުނގޫފާރު އިންޖީނުގޭގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.
އިތުރު ތަފްސީލް އަންނަނީ..
ހިޔާނާތުގެ ކުށް ސާބިތުވެ އުނގޫފާރު ދާއިރާގެ މެންބަރު އަމީން އަރުވާލަން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ