މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑަށް ވެއްޓުނު ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލައިިފި

މެލޭޝިޔަން އެއާލައިންސްގެ ފްލައިޓް 370 ގެއްލުނުތާ 2 ހަފްތާއަށް ވުރެ ގިނަ ދުވަސްވީ ފަހުން ކަނޑަށް ވެއްޓިފައިވާކަން އިއުލާން ކުރި ނަމަވެސް އެ ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. އަދި އެބޯޓުގައި ތިބި މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ވެސް ހުއްޓައެއް ނުލަ އެވެ.
ނަމަވެސް އެ ފްލައިޓް ހޯދުމުގެ މަސައްކަތް މިއަދަށް ހުއްޓާލާފައިވަނީ މޫސުން ގޯސްވެ ކަނޑުގަދަވެ ވައިގަދަވުމުގެ ސަބަބުން ދަތުރުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވުމާއި ގުޅިގެންނެވެ. ބޯޓު ހޯދުމުގައި އިންޑިއާ ކަނޑުގައި 10 އަށް ވުރެ އުޅަނދު ހަރަކާތްތެރިވަމުން އެބަދެ އެވެ.
އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީން ބުނީ ގަދަ ވަޔާ އެކު ވާރޭ ވެހެމުން ދާއިރު ކަނޑު ވެސް ވަރަށް ގަދަ ކަމަށާއި ބޯޓު ހޯދުމުގައި އުޅޭ ބޯޓުތަކަށް ނުރައްކަލާއި ކުރިމަތިވުން އެކަށީގެންވާތީ ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލީ ކަމަށެވެ.
އަދި މޫސުން މާދަމާ ރަނގަޅުވިޔަސް ބޯޓު ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީން ބުނެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ބޯޓު ހޯދަމުންދާ ސަރަހައްދު ކައިރިއަށް ތޫފާނެއް މިސްރާބު ޖަހާފައިވާ ކަމަށްވެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު އިއްޔެ ވިދާޅުވީ އެންމެ ފަހުގެ ހޯދުންތަކުން ބޯޓު ދަތުރުކުރި މަގު ސެެޓެލައިޓްގެ މައުލޫމާތުގެ އަލީގައި ދެނެގެންފައި ކަމަށާއި އެގޮތުން ބޯޓު ސަދަން ކޮރިޑޯއިން ދަތުރުކުރަމުން ގޮސް ރާޑަރުތަކަށް ގެއްލިފައިވަނީ އޮސްޓްރޭލިއާގެ ޕާތުގެ ހުޅަނގުން އިންޑިއާ ކަނޑުގެ މެދަށް ކަމަށެވެ.
އަދި ދުވަހަކު ވެސް ބޭނުންކޮށްފައި ނުވާ ޓެކްނޮލޮޖީ ބޭނުންކުރި ކުރުމުން މި ބޯޓު ވެއްޓިފައިވަނީ އިންޑިއާ ކަނޑުގެ މެދަށް، ބޯޓު ހޯދަމުންދާ ސަރަހައްދަށް ކަން ކަށަވަރުވެފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
ޔޫކޭ އެއާ އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗުން ސެޓެލައިޓްގެ އެހީގައި އެ ބޯޓު އެންމެފަހުން ދަތުރުކުރި މަގު ދެނެގެންފައިވާއިރު ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ވެފަައި ވާނެ ކަމަށް ބެލެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިމަހުގެ 8 ވަނަ ދުވަހު 239 ފަސިންޖަރުންނާއި އެކު ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ބޯޓު އެމްއެޗް 370 ފްލައިޓު ގެއްލުނުއިރު ބޯޓު ދަތުރުކުރި ގޮތާ ބެހޭ ގޮތުންނާއި އެހެން ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބޯޓު ވެއްޓުނު ސަރަހައްދުން މަރުވެފައި ތިބި މީހުންގެ ހަށިގަނޑުތައް ފެނުން އެކަށީގެންވެ އެވެ.
ގެއްލުނު ފްލައިޓް ނުފެނުނު ކަމުގައިވިޔަސް ބޯޓު ހޯދަމުންދާ ސަރަހައްދުން ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެންނަން ފަށާފައިވާއިރު މިއީ ބޯޓުގެ އެއްޗެހިތަކެއްކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ. އަދި މި ބޯޓު އެއްވެސް ބަޔަކަށް އަދި ފެނިފައިނުވާއިރު ބޯޓު ކަނޑަށް ވެއްޓުނުކަން އިއުލާންކުރީ ސެޓަލައިޓް ފޮޓޯގެ މައްޗަށް ބިނާކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ