މެމްބަރު ނާޒިމްގެ ވަކީލަކަށް ހުސްނުއްސުއޫދު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހުމަދު ނާޒިމްގެ ވަކީލަކަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ހަމަޖައްސައިފި އެވެ.
ނާޒިމްގެ ޝަރީއަތްތައް މިއަދު 13:00 ސްޕްރީމް ކޯޓްގައި ބާއްވާގޮތަށް ވަނީ ތާވަލްކޮށްފަ އެވެ. ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުން ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާކުރަމުންދާއިރު، މީގެ ކުރިން ނާޒިމްގެ ދެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރަމުން އައި ދެ ވަކީލުންވެސް ވަނީ އެއްމައްސަލަ ދޫކޮށްލާފަ އެވެ. ނާޒިމްގެ ވަކީލުންގެ ގޮތުގައި ކުރިން މަސައްކަތް ކުރަމުން ގޮސްފައިވަނީ، އަހުމަދު ސަލީމް އާއި އާދަމް އާސިފް އެވެ.
ސަލީމް އެ މައްސަލަ ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ކުރަމުންދާތީ އެވެ. އަދި އާސިފް އެމައްސަލަ ދޫކޮށްލާފައިވަނީ ނާޒިމްގެ މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ފުރާނައަށްވެސް ނުރައްކާވާވަރުގެ ކަމެއް ކަމަށް ވިދާޅުވުމަށްފަހު އެވެ.
ރައީސް މައުމޫން ސަރުކާރުން އިއުލާން ކުރި ހަތަރު ޕްރޮޖެކްޓެއް މަކަރާ ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް ފުރަތަމަ އުފުލީ ކްރިމިނަލް ކޯޓުގަ އެވެ. ނަމަވެސް އެމައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް މައްސަލަ ނިންމީ ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްވެސް ދައުވާއެއް ސާބިތު ނުވާ ކަމަށެވެ.
ހައި ކޯޓުން މިގޮތަށް ހުކުމްކޮށްފައިވާތީ ދައުލަތުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މި މައްސަލައިގެ އަޑު އެހުމެއް ފެބްރުއަރީ 18 ވަނަ ދުވަހު ބޭއްވިއިރު، ނާޒިމްގެ ގާނޫނީ ވަކީލެއް އައްޔަންކޮށް ދައުވާއަށް ޖަވާބުދާރީވުމަށް ނާޒިމަށް ފަސް ދުވަހުގެ މުއްދަތެއް ސުޕްރީމް ކޯޓުން ވަނީ ދީފަ އެވެ. ނާޒިމް އެދުވަހުގެ އަޑުއެހުމުގައި ވިދާޅުވީ ގާނޫނީ ވަކީލުން ހޯދުމަށް ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ދަތި ކަމަށާއި އެކަމަށް ވެސް އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ.
ނާޒިމުގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު ވިދާޅުވީ، އިބްތިދާއީ އަޑުއެހުމުގައި ވަކީލަކު ބޭނުން ނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި، އިތުރު ވަގުތު ބޭނުން ވެގެން އެދިފައި ނުވާ ކަމަށެވެ.
ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާ ސްޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާއިރު ދައުލަތުން ހަ ނުކުތާއެއް ފާހަގަކުރެ އެވެ. އޭގެތެރޭގައި ޝަރީއަތް ހިންގުމާ ބެހޭ ގަވާއިދާ ހިލާފަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަސް ނަގާފައި ނުވާ ކަމަށް ބުނާ ނުކުތާއާއި، ހެކިތަކަށް ރިއާޔަތް ނުކޮށް ހުކުމް އިއްވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، ގާނޫނު އަސާސީގެ 17 އަދި 20 ވަނަ މާއްދާއާއި ހިލާފަށް ނާޒިމާ މެދު ތަފާތުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، ޕީޖީގެ ބާރުތައް ހަނިވާގޮތަށް ހުކުމް އިއްވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ