އަދީބުގެ މައްސަލަ ބެއްލެވި ގާޒީ، ރައީސް ނަޝީދު ސިފަ ކުރެއްވީ "ގަމާރެއް" ގޮތުގައި؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ބޭރުކޮށްލަން އިއްޔެ ހުކުމް ކުރި ގާޒީ އިސްމާއީލް ރަޝީދަކީ "ގަމާރެއް" ކަން ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މައްސައާ ގުޅިގެން ނަޝީދު ވިދާޅުވީ އަދީބުގެ މައްސަަލައަކީ ގަމާރު ކަމުން ހިނގައި ދިޔަ ކަމެއްގެ ގޮތުގައި ދޭހަވާ ކަމަށެވެ.
އަދި އަދީބުގެ މައްސަލަ ބޭރުކޮށްލުމުގައި އެތައް އިޖުރާއުތަކަށް ބައްލަވާފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އިއްޒަތްތެރި މެމްބަރު ތި ވިދާޅުވީ ގާބިލުކަމުގެ މައްސަލައޭ. ގަމާރު ކަމުން ވީ ކަމެއްގެ ގޮތުގައި މުޅި މައްސަލަ ހިނގައި މިދިޔައީ. ވިދާޅުވެ ދެއްވައިފި ގާނޫނުލްއުގޫބާތުގެ އިޖުރާއުތަކާއި އެހެނިހެން އެތައް އިޖުރާއުތަކެއް. އޭގެން އެއްވެސް އިޖުރާއުތަކަށް ބެއްލެވުމުގެ ގާބިލް ކަމެއް އިއްޒަތްތެރި ފަނޑިޔާރުގެ ކިބައިގައި ނެތީއޭ، ނުވަތަ ގަމާރު ކަން އިންތިހާއީއޭ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަސް ވަންދެން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.
މެމްބަރުން މިކަމުގައި ބަހުސަށް ދާއިރު، މިބާވަތުގެ ކަމެއް ކަނޑައެޅިގެން ރޯމާ ދުވާލު ހިނގާނީ ގާބިލު ނުވަތަ ގަމާރު ކަމުންތޯ ނިންމަވާނީ ބޮޑަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އޭގެ ފަހުގައި، ނަޝީދު ވިދާޅުވީ ގަމާރު ކަމުން ނޫން ގޮތަށް އެކަން ހިނގި ކަމަށް ބެލެވޭ ކަމަށްވާ ނަމަ، އެމަނިކުފާނަށް ފެންނަ ގޮތުގައި އެއީ ދައުލަތުގެ އެހެން އިދާރާތަކުން ކުރި މުއާމަލާތެއްގެ ގޮތުގައި ސިފަ ކުރެއްވޭ ކަމަށެވެ.
"އެހެންވީމަ މިބާވަތުގެ މުއާމަލާތް ހިނގާތޯ ނުވަތަ ނޫންތޯ، އެއީ އެ މައުލޫމާތު އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ލިބެން ޖެހޭ މައުލޫމާތު،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އެފަދަ މުއާމަލާތެއް ދައުލަތުގެ އެއްވެސް އިދާރާއެއްގައި ހިނގާފައި އޮތްތޯ ބަލައި ދިނުމަށް އަމީން އާންމު ފާތުމަތު ނިއުޝާގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ހަތް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން އިއްޔެ އެ މައްސަލަތައް ބޭރުކޮށްލުމުން އަދީބު ވަނީ މިނިވަންވެފައެވެ. އެކަމަކު އަދީބު ފުރުން މަނާކޮށް އެ ކޯޓުން ރޭ ވަނީ އަމުރެއް ނެރެފައެވެ. އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ