ޔާމީން އެޅި ފްލެޓްތައް ނަޝީދު ވެރިކަމުގައި ކުރިމަތިލީ މީހުންނަށް ބަހާލަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އަޅާފައި ހުރި ހިޔާ ފްލެޓްތަަކާއި، ވެރިކަން ނިމުނުއިރު އިމާރަތް ކުރަން ނުފަށާ ހުރި ފްލެޓްތައް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފްލެޓްތަކަށް ކުރިމަތިލީ މީހުންނަށް ބަހާލަން ނިންމައިފިއެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ފައިސާ ނުދެއްކިގެން ފްލެޓު ދޫކޮށްލި މީހުންނާއި، ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދައްކަމުންދާ ފަރާތްތަކަށް ރައީސް ޔާމީން ސަރުކާރުން އަޅަން ފެށި ހިޔާ މަޝްރުއޫގެ ދަަށުން ފްލެޓް ދޭން ނިންމާފައިވާމަށް ވިދާޅުވެފައެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ އެ ފަރާތްތަކަށް ދެ ގޮތެއް ހިޔާރު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ގޮތަކީ ހިޔާ މަޝްރޫޢުގެ 6720 ފުލެޓުގެ ތެރެއިން 2 ކޮޓަރީގެ ފުލެޓެއް ހިޔާރުކުރުން ނުވަތަ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ޢިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހިޔާރު ކުރުން ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ލިއުން ދީ، މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަކީ މިސަރުކާރުގެ ވައުދެކެވެ.
ނަމަވެސް އެ ޕްރޮގްރާމްގެ ދަށުން ދޭން މިހާރު މި ސަރުކާރުން ނިންމާފައިވާ ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރުމަށް ފަށާފައިވާ ފްލެޓްތަކާއި، އިމާރާތް ކުރުމުގެ މަސައްކަތް ނިމިފައި ހުރި ފްލެޓްތަކެވެ.
މި ސަރުކާރުން ވެރިކަމަށް އައިސް ވަނީ "ހިޔާ މަޝްރޫއުގެ" ފްލެޓްތަކަކީ ދިރިއުޅެން ރަނގަޅު ނޫން ތަނެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ހިޔާ މަޝްރޫއުއަށް އެތަކެއް ފާޑުކިޔުންތަކެއް ކިއުމަށް ފަހު މި ސަރުކާރުން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށަން ތައްޔާރުވެފައި އޮތް 2500 ފްލެޓްގެ މަޝްރޫއަށް ބަދަލުތައް ގެނެސް 1700 ފްލެޓަށް އަދަދު މަދުކޮށް އަލުން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ނަމަވެސް އެމަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ 2500 މީހުންނަށް ވެސް ރައީސް ޔާމީންގެ ވެރިކަމުގައި އޮތީ ލިޔުން ދީފައެވެ.
އަދި ސަރުކާރުން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ލިޔުން ހަވާލު ކުރި އެއް ކޮޓަރީގެ ފްލެޓްތައް ވުޖޫދުގައި ނެތް ކަމަށް ވެސް ބުނެފައެވެ. އެހެން ނަމަވެސް ފްލެޓް ލިބިފައިވާ ފަރާތްތަކުން އެތަނަށް ޒިޔާރަތްކޮށް ފޮޓޯތައް މީސް މީޑިއާގައި އާންމުކޮށް، ސަރުކާރުން ހެދީ ދޮގުކަން ވަނީ ސާބިތުކޮށްދީފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ފްލެޓްތައް ރައީސް ނަޝީދު ވެރިކަމުގައި ފްލެޓަށް ކުރިމަތިލީ މީހުންނަށް ބަހާލަން މިސަރުކާރުން ނިންމިއިރު މިސަރުކާރަށް ދޮޅު އަހަރު ވެގެން ދިޔައިރު އަދި އެންމެ ހައުސިން މަޝްރޫއެއްގެ މަސައްކަތް ވެސް ނުފެށޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިދިޔަ ހަފްތާގައި ސަރުކާރަށް ފާޑުކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ