ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވި މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށާއި އެކަމާ ގުޅިގެން ސްޓެލްކޯ ޖަވާބުދާރީ ކުރުމަށް ހުށައަޅައިފި އެވެ.
މި މައްސަލަ ބަލައި ކަރަންޓް ކުންފުނި ޖަވާބުދާރީ ކުރުވުމަށް ހުށައަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި މީކާއީލް ފޮނުއްވި ސިޓީގައި ވަނީ މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު ދިޔައިރު އެބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ. އަދި އަދި އެ ބިލްތައް ބޮޑުވެފައިވާ ކަަމަށް ފެންނަނީ މާލެ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް، ލޮކްޑައުން އައުމުގެ ކުރީ މަސްތަކުގެ ކަރަންޓް ބިލާއި އަޅާކިޔާއިރުވެސް ޖޫން މަހުގެ ބިލް ދެ ގުނަ، ތިންގުނަ އަދި ހަތަރުގުނަވެސް ބޮޑުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"އެހެންކަމުން ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް މާލީގޮތުން އިންތިހާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުކޮށްފައިވާ ސަބަބު، މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީ މެދުވެރިކޮށް އޮޅުން ފިލުއްވައިދެއްވައި ސްޓެލްކޯ ޖަވާބުދާރީ ކޮށްދެއްވުން އެދި ދެންނެވިން،" މީކާއިލްގެ ސިޓީގައި ވެއެވެ.
އިއްޔެ ގިނަ ބަޔަކު ވަނީ ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން އެކަމުގެ ނުރުހުން ސޯޝިއަލް މީޑިއާގައި ފާޅުކޮށްފައެވެ. އަދި ގިނަ ބަޔަކު ވަނީ ބިލްތައް ހިއްސާކޮށް ކޮވިޑްގެ ކުރިން އައި ބިލްތަކަށްވުރެ ދެގުނަ އަދި ތިން ގުނަ ބޮޑުވެފައިވާ ކަމުގެ ޝަކުވާ ކޮށްފައެވެ.
އެކަމާ ގުޅިގެން ސްޓެލްކޯ ހެޑް އޮފް ކަސްޓަމާ ސާވިސް، ޖެނެރަލް މެނޭޖަރު، ހުސައިން ފަހުމީ ވިދާޅުވީ ކޮވިޑާ ގުޅިގެން ސްޓެލްކޯއިން އޭޕްރީލް އަދި މެއި މަހު ކޮންމެ ކަރަންޓު ބިލަކަށް ކޮވިޑް ޑިސްކައުންޓުގެ ގޮތުގައި 40 ޕަސެންޓް ސަބްސިޑީ ދީފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެ ދެމަހުގެ ބިލު ކުޑަވާނެ ކަމަށް ފަހުމީ ފާހަގަ ކުރެއްވިއެވެ. ޖޫން މަހުގެ ކަރަންޓު ބިލުގައި ކޮވިޑް ޑިސްކައުންޓު ހިމަނާފައި ނުވާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ