ސީވީއެފްގެ އެމްބެސެޑަރުގެ މަސައްކަތް ރައީސް ނަޝީދު ފައްޓަވައިފި

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ތީމެޓިކް އެމްބެސެޑަރ ފޮރ އެމްބިޝަންގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފައްޓަވައިފިއެވެ. 
ރައީސް ނަޝީދު ވަނީ ބަންގަލަދޭޝްގެ ސީވީއެފްގެ ސްޕެޝަލް އެންވޯއި އަބްދުލް ކަލާމް އާޒާދާއި، ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި، ސީވީއެފްގެ ޕްރެސިޑެންސީއާއި އެ އިދާރާގެ އިސް ބޭފުޅުންނާއި އަދި ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. 
ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރުގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ މައިިގަނޑު ގޮތެއްގައި މަސައްކަތްކުރައްވާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޕެރިސް އެގްރީމަންޓްގައި ހިމެނޭކަންކަން ފުރިހަމަކުރެއްވުމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ގައުމުތައް އަހުލުވެރި ކުރުވުމާއި، ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކުރައްވައި މެމްބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުމުގެ މަސައްކަތެވެ. 
ސީވީއެފްއަކީ ދުނިޔޭގައި އިއުލާންކޮށްފައިވާ ކްލައިމެޓް އިމަރޖެންސީގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ ތަރައްގީ ވަމުން އަންނަ 48 ގައުމެއްގެ މައްޗަށް އެކުލެވޭ ބައިނަލްއަގްވާމީ ޕާޓްނާޝިޕެކެވެ. މިވަގުތު މި ޕާޓްނާޝިޕްގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ ބަންގްލަދޭޝްއިންނެވެ. ސީވީއެފްގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ރައީސް ނަޝީދު ހިމެނޭހެން މިހާރު ވަނީ 5 ތީމެޓިކް އެމްބެސެޑަރުން އައްޔަނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ