ރައްޔިތުން ނުކުމެ މުޒާހަރާ ކުރި ފަހުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާ ހައްޔަރުކޮށްފި

ދެކުނުގެ އަތޮޅުގެ ރަށެއްގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފިއެެވެ.
އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކޮށްގެން އެރަށުގައި މިއަދު ހަވީރު މުޒާހަރާވެސް ކޮށްފައި ވެއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ ފިރިހެން ކުއްޖާއަށް ގޯނާ ކުރި މީހެއްގެ މައްސަލަ ބެލުން ލަސްވާތީ އާއި އެ މައްސަލައާ ގުޅިގެން ތުުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކުރާތީ އެރަށު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ޒުވާނުން މުޒާހަރާ ކޮށްފައި ވަނީ މިއަދު ހަވީރުއެވެ.
އެ މައްސަލައަކީ އިއްޔެ ހަވީރު ރިޕޯޓް ކުރި މައްސަލައެކެވެ.
ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރު ވެފައި ވާއިރު އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައި ވަނީ އާއްމުން ނިކުމެ މުޒާހަރާ ކުރުމުން ނުވަތަ އާއްމުން ގެންގޮސް ތުހުމަތު ކުރެވޭ މީހާ ފުލުހުންނާއި ހަވާލު ކުރުމުންނެވެ.
ނަމަވެސް ފުލުހުން ވިދާޅުވާ ގޮތުގައި ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތަކަކީ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ތަޙްޤީޤު ކުރާ މައްސަލަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ