އިންޑިއާއިން ރާއްޖެއަށް އަސްކަރީ މަތިންދާ ބޯޓެއް ދީފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް އަސްކަރީ ބޭނުންތަކުގައި ބޭނުންކުރާ ޑޯނިއޯ މަތިންދާބޯޓެއް ދީފި އެވެ.
ޑޯނިއޯ މަތިންދާ ބޯޓަކީ އިންޑިއާގެ ކަނޑުމަތީ ސިފައިން ބޭނުންކުރާ ބޯޓެކެވެ. މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންޑިއާ ސިފައިންނާއެކު ޑޯނިއާ-228 މަރުކާގެ ދެ މަތިންދާ ބޯޓު ރާއްޖެ އައިސްފައި ވެއެވެ. އެއީ ދިވެހި ސިފައިންނާއި ގުޅިގެން ތަމްރީނުތަކެއް ހިންގުމަށް ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރާއްޖެއަށް ހަދިޔާކުރި މަތިންދާބޯޓު އޮޕަރޭޓު ކުރުމަށް އިންޑިއާގެ 32 ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ތިބޭނެ އެވެ. އަދި އެ ސިފައިން ރާއްޖެ އައީ ދާދި ފަހުން އިންޑިއާއިން އައި އަސްކަރީ މަނަވަރު ސުނައިނާ އިން ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.
އެހެންނަމަވެސް މި ކަން އިންޑިއަން ހައި ކޮމިޝަނުން ވަނީ ދޮގު ކޮށްފަ އެވެ. އެ ކޮމިޝަނާއި ހަވާލާދީ މިއަދު މީޑިއާގައި ރިޕޯޓުކޮށްފައި ވާގޮތުން މި މަތިންދާ ބޯޓު ބަލަހައްޓާނީ އެމްއެންޑީއެފް އިންނެވެ. އެހެންނަމަވެސް އެ ބޯޓުގެ ހަރަދުތައް ބަލަހައްޓާނީ އިންޑިއާ ސަރުކާރުންނެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި މި މަތިންދާ ބޯޓު ބޭނުން ކުރާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށެވެ. އެގޮތުން ޑްރަގް ޓްރެފިކިން ފަދަ ކަނޑުމަތީގައި ކުރާ ކުށްތައް ހުއްޓުވުމުގެ އޮޕަރޭޝަންތައް މި މަތިންދާ ބޯޓު ބޭނުންކޮށްގެން ކުރިއަށް ގެންދާނެ ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.
މި މަތިންދާ ބޯޓާއި ގުޅޭގޮތުން އަދި އޭގެ އޮޕަރޭޝަންތަކާއި ބެހޭގޮތުންވެސް އެމްއެންޑީއެފުން އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމާއި ގުޅޭ ސުވާލު ދެންނެވުމުން އެމްއެންޑީއެފްގެ މީޑިއާ ވައިބާ ގްރޫޕުގައި ބުނީ ބޭރު ގައުމުތަކާއި ގުޅުންހުރި ކަންކަމުގައި މައުލޫމާތު ހިއްސާ ކުރައްވާނީ ފޮރިން މިނިސްޓްރީން ކަމަށެވެ.
މިއަދު ހަދިޔާކުރި ޑޯނިއޯ މަތިންދާ ބޯޓު ޖެއްސީ ހަނިމާދޫ އަށެވެ. ހަނިމާދޫގައި މިހާރުވެސް އިންޑިއާގެ ސިފައިން ހަރަކާތްތެރިވެ އެވެ. އެއީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމަށެވެ. ދާދި ފަހުން އިންޑިއާގެ އިތުރު ސިފައިންވެސް ހަނިމާދޫއަށް ވަނީ އައިސްފަ އެވެ.
ހަނިމާދޫގައި އިންޑިއާ ސިފައިން ދާއިމަށް ތިބޭކަމަށް އިދިކޮޅުންވެސް ތުހުމަތުތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި އިންޑިއާއިން ދޫކޮށްފައިވާ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަންވެސް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. ދާދިފަހުން އިންޑިއާގެ އެއާޕޯޓުތައް ހިންގާ އެ ގައުމުގެ ސަރުކާރުގެ ކުންފުންޏަކުން ވަނީ އެކަމަށްޓަކައި ސާވޭތަކެއްވެސް ހަނިމާދޫ އެއާޕޯޓުގައި ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ