ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

ފުވައްމުލަކު ސިޓީގެ ކަރަންޓު ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު، ކަރަންޓު ދޭން ފަށައިފިއެވެ.
ފުވައްމުލަކުގެ ކަރަންޓާއި ފެނުގެ ހިދުމަތަށް ބުރޫތަކެއް އެރީ މިމަހުގެ ދެވަނަ ދުވަހުގެރޭ ކަރަންޓް ނެޓްވޯކުގައި ހިމެނޭ 2500 ކޭވީއޭގެ ޓްރާންސްފޯމަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.
ފެނަކައިން ބުނީ ފުވައްމުލަކު ކަރަންޓަށް ދިމާވި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރި މަސައްކަތުން އެރަށަށް 4500 ކޭވީއޭގެ ޓްރާންސްފޯމަރެއް އިންސްޓޯލްކުރުމަށްފަހު މުޅި ރަށަށް މިއަދު ކަރަންޓު ދީފައިވާ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށްވެސް ފެނަކައިން ބުނެއެވެ.
ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ އިންޖީނުގެ ދުވަސްވުމާ ގުޅިގެން ފެނަކަ އިން އަންނަނީ އާ އިންޖީނުގެއެއް އެޅުމަށް ތައްޔާރުވަމުންނެވެ.
ފެނަކައިން ހާމަކުރާ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް މުޅިން ނިމޭއިރު، އިންޖީނުގޭގެ ޚިދުމަތް ފެށޭ މިންވަރަށް ހުރިހާ މަސައްކަތެއް ހުންނާނީ ނިމިފައެވެ. އެގޮތުން އިންޖީނުގެ ތަކުގެ މަސައްކަތް ފުރިހަމަ ކުރެވިފައި ވުމާއި، އިންޖީނުތައް ބެހެއްޓުމާއި، ބޭނުންވާ އިކުއިޕްމަންޓްތައް ހަމަކޮށް ނިމިފައި ހުންނާނެ ކަމަށް ފެނަކައިން ބުނެއެވެ.
މީގެ އިތުރުން ފުވައްމުލަކުގެ ކަރަންޓުގެ ނެޓްވަރކް އަޕްގްރޭޑްކުރުމާއި، ކޭބަލް ނެޓްވޯކާއި، ޑިސްޓްރިބިއުޝަން ފޮށިތައް އަޕްގްރޭޑްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފެނަކައިން ހާމަކުރެއެވެ.
ފުވައްމުލަކުގެ އައު އިންޖީނުގެ އެޅުުމަށް ކައުންސިލުން ފެނަކަ ކޯޕަރޭޝަނަށް ދީފައިވަނީ 80 ހާސް އަކަ ފޫޓްގެ ބިމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ