ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން ދިޔައިރު، އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ ކޮށްފި އެވެ.
"މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ރިސޯޓު ހެދުމަށް މަކަރާއި ހީލަތުން ބިދޭސީން ރާއްޖެ އެތެރެކޮށް އަދި ޓްރެފިކް ކޮށްފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން އެހެން ރަށްތަކުން ހޯދައި ރިޒާގެ ރިޒް ކުންފުނީގެ ބެލުމުގެ ދަށުން އެއްރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، މި ދައުވާކޮށްފައި ވަނީ އިއްޔެކަމަށެވެ.
އޭގެ އިތުރުން، ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ މީހުންނަށް މުސާރަ އާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، މުސާރަ އާއި އިނާޔަތް ހޯދަން އަޑުއުފުލި މީހުންނަށް ބިރުދައްކައި ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވެސް ރިޒާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ޝަފީއު ވިދާޅުވެފައިވާކަމަށް މިހާރު ނޫހުންވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ބޮޑުފިނޮޅު މަސައްކަތުގައި ދެމިތިބުމަށް ރިޒާ މުއައްޒަފުންނަށް މަޖުބޫރުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީ އާއި މަސައްކަތްތެރިންގެ ހައްގުތަކާ ގުޅިފައިވާ އެހެން ފީ އާއި ފައިސާ ނުދައްކައި އެ މީހުންގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ތުހުމަތު ކުރެ އެވެ.
މެމްބަރު ރިޒާގެ ރިޒް ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލަ ފެންމަތިވީ 2020 ވަނަ އަހަރުގެ ޖުލައި 1 ގަ އެވެ.
މި މައްސަލަ އާއި ގުޅިގެން ބޮޑުފިނޮޅުގައި ތިބި މުއައްޒަފުން ވަނީ ހަޅުތާލުކޮށް ބަޔަކު ރަހީނުވެސް ކޮށްފައެވެ.
މި މައްސަލައިގައި ރިޒްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ ޑިސެމްބަރު ތިނެއްގައި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ.
މެމްބަރު ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ