ބޯހިމެނުމަށް ތ. ވިލުފުށީ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުދޭން އެ ރަށުގެ ބައެއް ރައްޔިތުން ނިންމައިފި އެވެ.
ވިލުފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ޝާފިއު މިއަދު ވިދާޅުވީ ބޯހިމެނުމަށް އެއްބާރުލުން ނުދިނުމުގެ ރޫހެއް އެ ރަށު ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ އެބަހުރި ކަމަށެވެ.
މިމަހުގެ 20 އިން 27 އަށް މުޅި ރާއްޖޭގައި ކުރިއަށްގެންދާ ބޯހިމެނުމަށް އެ ރަށު ރައްޔިތުންގެ އެއްބާރުލުން ނުދޭނެ ކަމަށް ބުނާ ސަބަބަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ހާދިސާއާ ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ލިބިފައިވާ 309 ގެ އަދިވެސް ރަޖިސްޓްރީ ކޮށްދީފައިވާ ނުވާ މައްސަލަ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. ގާތްގަނޑަކަށް 2،200 ވަރަކަށް އަބާދީއެއް އޮންނަ އެ ރަށުގައި ދިރިއުޅެމުން އަންނަ 1700 އެއްހާ ރައްޔިތުން 2009 އަހަރު ވިލިފުށްޓައް ބަދަލުވީންސުރެން މިއަދާ ހަމައަށް ވެސް ގެތައް ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށު ރައްޔިތުންގެ ދާއިމީ އެޑްރެސް ކަމަށް ބުނެ އައިޑީކާޑުގައި ރަމްޒީ ގޮތުން ޖަހާފައި އޮންނަ ގެ ފެންނަން ނެތް ކަމަށެވެ. އަދި ދިރިއުޅެމުން މިހާރު އަންނަ ގޭގެ ރަޖިސްޓްރީއެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ހައުސިން މިނިސްޓްރީގައި ދާދިފަހުން ވެސް އެ މައްސަލައިގައި ދެންނެވީމާ ވިދާޅުވި އަންނަ މަހު ޖަވާބެއް ދެއްވާނެ ކަމަށް. މީގެ ކުރިން ތިއްބެވި ކައުންސިލަރުން ވެސް އެކަމާ އުޅުއްވި. ހައްލެއް ނުވޭ އެކަމެއް،" ކައުންސިލްގެ ރައީސް ޝާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެތައް ބަހާފައި ހުރި އިރު ވެސް އަމިއްލަ ބޯހިޔާވަހި ކަމެއް ނުލިބިވާ ފަސް އާއިލާއެއް އެ ރަށުގައި ދިރިއުޅޭ ކަމަށާއި އެއާއިލާތައް ދިރިއުޅެނީ އެހެނިހެން މީސް މީހުންގެ ގެތަކުގަ ކަމަށެވެ.
"ބައެއް މީހުންނަށް ގެއެއް ނުލިބި އެބަހުރި. އަނެއްބައި މީހުން ދެ ގެ އެގޮތައް ތިން ހަތަރު ގެ ވެސް ލިބިފައި އެބަހުރި،" ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެތަށް ރައްޔިތުންނަށް ލިބިފައި ހުރި ނަމަވެސް ގެތަށް ރަޖިސްޓްރީ ކޮށްދީފައި ނުވާތީ ގެ މޯގޭޖް ކުރެވެނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި ގެ މަރާމާތު ކުރަން ލޯނެއް ނެގޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރު އެވެ. އަދި 1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޯހިމަނަމުން ގެންގޮސްފައި ވަނީ 5 އަހަރުން 1 އަހަރު އެވެ. ދެ ހާސް ހަވަ ވަނަ އަހަރުގެ ފަހުން މިވޭތުވެ ދިޔަ ހަ އަހަރު ބޯހިމަނާފައެއް ނުވެ އެވެ.
ބޯހިމެނުމަށް ވިލުފުށީ ބައެއް ރައްޔިތުން އެއްބާރުލުން ނުދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ