އަފްރާޝީމް އަދި ރިލްވާންގެ މައްސަލައާއި ރައީސް ޔާމީންއާއި ގުޅުމެއް ނެތް- އުމަރު

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އެއްވެސް ގުޅުމެއް ނެތްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އަވަސް އޮންލައިންއަށް ދެއްވި ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ ޑރ. އަފްރާޝިމް މަރާލުމަށް ފަންޑު ކުރީ ކޮން ބައެއްކަން ނޭނގެއޭ ބުނެ ދައްކާ ވާހަކަތަކަކީ މުޅިން ތެދު ވާހަކައެއް ނޫން ކަމަށެވެ. އެ މައްސަލައިގައި ކުރި ތަހުގީގަށް، އޭނާ މަރާލުމަށް ފަންޑު ކުރި މީހުން ދެނެގަނެވުނު ކަމަށާއި އެ މީހުން ހައްޔަރުކޮށްގެން ޖަލަށްވެސް ލި ކަމަށް އުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް، ހައްޔަރު ކުރި މީހުންގެ މައްޗަށް ޝަރުއީ ކޯޓެއްގައި، ކުށް ސާބިތު ކުރާ ވަރަށް ހެކި ނެތުމުން އެމީހުން ދޫވީ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އޭނާ އަކީ ރައީސް ޔާމީނަށް ތާއީދު ކުރާ މީހެއް ނޫން ކަމަށާއި އެހެންނަމަވެސް، ރައީސް ޔާމީނާއި، އަފްރާޝީމްގެ މަރާއި، އަދި ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައާއިވެސް އެއްވެސް ގުޅުމެއް ނެތްކަން ތަހުގީގުގައި އެކަން ވަރަށް ރަނގަޅަށް ބެލި މީހެއްގެ ހައިސިއްޔަތުން އެނގިވަޑައިގަންނަވާ ކަމަށެވެ. އަފްރާޝިމް އާއި ރިލްވާންގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެހެންނަމަވެސް އެކޮމިޝަނުގެ މަސައްކަތަށް ދެއަހަރުގެ މުއްދަތެއް ދީފައިވާތީ، އެއީ މާ ދިގު މުއްދަތެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ