ސީލައިފުން ފައިސާ އަނބުރާ ނުދޭ މައްސަލަ ފުލުހަށާއި އޭސީސީއަށް ހުށަހަޅައިފި

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރަން ބުނި އެޕާޓްމަންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ، އޭގެ ރިފަންޑް ހޯދުމަށާއި، އެ މަޝްރޫއުގެ ތެރޭގައި ކޮރަޕްޝަންގެ ބައެއް ކަންކަން ހިމެނޭ ކަމަށް ގަބޫލު ކުރެވޭތީ، އެ ކަންކަން ތަހުގީގު ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންގެ މުއައްސަސާއަށް މައްސަލަ ހުށަހަޅައިފިއެވެ.
ސީލައިފާ ދެކޮޅަށް އޭސީސީއާއި ފުލުހަށް މިއަދު މައްސަލަ ހުށަހަޅާފައި ވަނީ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައިވާ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާއެވެ.
ސީލައިފުން ފްލެޓެއް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝުނާނާ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ފުލުހުންގެ އިދާރާއަށް މިއަދު އޭނާ ހުށަހަޅުއްވާފައި ވަނީ ސީލައިފް ކުންފުނީގެ ޑިރެކްޓަރުން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމުގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ބަލައި ތަހުގީގު ކޮށްދިނުމަށްފަހު، އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ވެސް އެދިވަޑައިގެންފައި ވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަންގެ ބައެއް ކަންކަން ހިމެނޭ ކަމަށް ޝުނާނާ ވިދާޅުވިއެވެ. އެ ގޮތުން އެޗްޑީސީއަށް ވެސް އެ މަޝްރޫއުގެ ތެރެއިން ނުހައްގު މަންފާތަކެއް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޝުނާނާ ވިދާޅުވި ގޮތުގައި އޭސީސީއަށް ހުށަހެޅި މައްސަލައިގައި އެ ކަންކަން ހެއްކާއެކު ތަފުސީލު ކޮށްދެއްވާފައިވާނެކަމަށެވެ. އެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރެވެން އޮތް ފަރާތަކަށް ދައުވާ ކުރުމަށް އޭސީސީގައި ވެސް އެދިވަޑައިގެންފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސީލައިފްގެ މައްސަލަ އޭސީސީއާއި ފުލުހަށް މިއަދު ހުށަހެޅުއްވިއިރު، ޝުނާނާ ގެންދަވަނީ ސީލައިފުން ރީފަންޑް ފައިސާ ދައްކަން ޖެހޭ 147 ފަރާތަކަށް ފައިސާ ހޯއްދަވައިދެއްވުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ތައްޔާރު ވެލައްވަމުންނެވެ.
އެ މީހުންގެ ފަރާތުން އެ މައްސަލައިގައި ޝުނާނާ ވަކާލާތު ކުރައްވަނީ އެއްވެސް އަގަކާ ނުލައި ހިލެއެވެ. ޝުނާނާ ވިދާޅުވި ގޮތުގައި އަންނަ އާދީއްތަ ދުވަހު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ