އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ބޮޑު މުޒާހަރާއެއް ކުރާނެ: އުމަރު

ރާއްޖޭގައި ދެން އެންމެ ބޮޑު މުޒާހަރާއެއް ހިންގާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު އެފަދައިން ވިދާޅުވީ ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އުދުހެނީ ރާއްޖޭގެ ސަރުކާރުން ކޮންޓްރޯލް ކޮށްގެންކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝަހިދު ވިދާޅުވުމާއި ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އުމަރު ވިދާޅުވީ ފޮރިން މިނިސްޓަރ އެހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއްކަމަށާއި ހެލިކޮޕްޓަރުތައް ރާއްޖެއަށް ގެނައުމަށް ފަހުން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތިން ބޭފުޅުންވެސް ވިދާޅުވަމުންދަނީ އެ ހެލިކޮޕްޓަރުތައް އުދުހެނީ އިންޑިއާގެ ދިއްލީއިން ދޭ އޯޑަރަށްކަމަށެވެ. އަދި އެ ހެލިކޮޕްޓަރުތައް އުދުހެނީ ރާއްޖޭގެ އޯޑަރަށް ނޫންކަމަށް އެ މިނިސްޓަރުންނާއި ހަވާލާދީ އުމަރު ވަނީ ވިދާޅުވެފައެވެ. އުމަރު ވިދާޅުވީ އިންޑިއާގެ ނިޔަތް ސާފު ކަމުގައި ގަބޫލު ނުކުރެވޭނެ ކަމަށާއި ނިޔަތް ސާފުނަމަ އެއްބަސްވެފައިވާ ގޮތައް ދިވެހި ސިފައިން އެ ޤައުމުން ތަމްރީންކުރާނެކަމަށެވެ. އުމަރު އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭކަމަށާއި ސިޔާސީ ލީޑަރުންނަށް ރިޝްވަތު ދީގެން ޤައުމުގެ މިނިވަންކަމާއި ގުޅުން ހުރި ކަންކަން ހިންދާ ނުލެވޭނެކަމަށެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖެއިން ނުފައިބައިފިނަމަ ރާއްޖޭގައި ދެން ކުރާނެ އެންމެ ބޮޑު މުޒާހަރާއަކީ އެ ސިފައިން ރާއްޖެއިން ބޭލުމަށް ކުރާ މުޒާހަރާކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު އެފަދައިން ވިދާޅުވެފައިވާއިރު ހެލިކޮޕްޓަރުތަކުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވުމާއި ގުޅިގެން ރައީސް ޔާމީން ވަނީ އެ ހެލިކޮޕްޓަރުތައް އަނބުރާ އިންޑިއާއަށް ދިނުމަށް ނިންމަވާފައެވެ. އެހެންނަމަވެސް ރައީސް ސޯލިހު ވެރިކަމައި ހަވާލުވެވަޑައިގެން އެމަނިކުފާނު ވަނީ އެ އެއްބަސްވުން އައު ކުރައްވައި އަލުން ހެލިކޮޕްޓަރުތައް ބޭނުންކުރަން ފަށާފައެވެ. އަދި އިންޑިއާގެ އިތުރު ސިފައިންވެސް ވަނީ ރާއްޖެ ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ