ޕީޕީއެމް ކޮންގްރެސް މައްސަލަ އީސީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

މިދިޔަ ސެޕްޓެމްބަރު މަހު ޕީޕީއެމުން ބޭއްވި ކޮންގްރެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަނެ އޮށްވާ، އެ ކޮންގްރެސް ސައްހަ ކަމަށް ކަނޑައަޅައި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އީސީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އީސީގެ ތަރުޖަމާނު އަހުމަދު އަކުރަމް މިރޭ ވިދާޅުވީ، ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓު ރިސެސްއަށް ދިޔުމުގެ ކުރިން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތް ކަމެއް ނުވަތަ ބަލައިނުގަންނަ ކަމެއް އަދި ނާންގާ ކަމަށް އަކުރަމް ވިދާޅުވިއެވެ. ރިސެސްއަށްފަހު ވަކި އެއްޗެއް އަންގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަކުރަމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ކޮންގްރެސްއިން އެ ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުކޮށް، ޕާޓީގެ ނައިބު ރައީސުންގެ މަގާމަށާއި، ކައުންސިލަށް ބޭފުޅުން އިންތިހާބު ކުރިއެވެ. ނަމަވެސް އެ ޖަލްސާގެ ނިންމުންތައް އީސީން ވަނީ ބަލައިނުގަންނަން ނިންމާފައެވެ.
އެ މައްސަލަ ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރީ އެ ކޮންގްރެސް ސައްހަ ކަމަށާއި، އެ ކޮންގްރެސްގެ ނިންމުންތައް ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމަނަން އީސީއަށް އަންގާފައެވެ. ހުކުމާ އެއްގޮތަށް އީސީން މިހާރު ވަނީ އެ ކަން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ