އިއްޔެ ކުރިއަށްދިޔަ ރިޔާސީ އިންތިހާބަކީ ހުރިހާ ގޮތަކުންވެސް ވަރަށް ތަފާތު އިންތިޚާބެކެވެ. ވެރިކަން ކުރައްވަމުން ގެންދެވި އަދުގެ ރައީސް އަބްދުﷲ ޔާމީންއަށް ރައްޔިތުން މިވަނީ ނޫނޭކޭ ބުނެފައެވެ. އިދިކޮޅު ކޯލިޝަންއިން ނިކުތް ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްމިވަނީ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ.
ރޭގެ ވަގުތެއްގައި އެކި ފޮށިތަކުގެ ނަތީޖާތައް އިޢުލާންކުރަމުން ދިޔައިރު އެންމެ ބޮޑަށް ލޮލުގައި އަޅައިގެން އެއް ނަތީޖާއަކީ މަޑުއްވަރީ ދާއިރާގެ ނަތީޖާ ކަމާއިމެދު ޝައްކެތްނެތެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ބޭއްވުނު ހުރިހާ އިންތިހާބެއްގައިވެސް އަތޮޅު ކައުންސިލް، ރައްޔިތުންގެ މަޖިލިސް އަދި ރިޔާސީ އިންތިހާބުތަކުގައި ވެސް މި ދާއިރާގެ މެޖޯރިޓީ ނަގާފައިވަނީ ޕީ.ޕީ.އެމް ނުވަތަ އޭގެ ކުރިން ޑީ.އާރު.ޕީ އިންނެވެ.
ނަމަވެސް، މިފަހަރު މިއޮތީ ތާރީޚު ބަދަލުވެފައެވެ. މިފަހަރުގެ މި އިންތިހާބުގައި ދާއިރާގެ މެޖޯރިޓީ ނަގާފައި މިވަނީ އެމް.ޑީ.ޕީ އިންނެވެ. އެގޮތުން ދާއިރާގެ ހުރިހާ ފޮށްޓެއް އެއްކޮށްލައިގެން ނަތީޖާއަށް ބަލާއިރު އިބްރާޙިމް މުހައްމަދު ޞާލިހަށް 1361 ވޯޓު ލިބިފައިވާއިރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 1326 ވޯޓެވެ. އެމް.ޑީ.ޕީއާއި އިދިކޮޅު ކޯލިޝަނުން ދެކޭ ގޮތުގައި މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ދާއިރާގެ މެޖޯރިޓީ އެމް.ޑީ.ޕީއަށް ލިބުނު ނަމަވެސް މީދޫގެ މެޖޯރިޓީ މިފަހަރުވެސް ނެގީ ޕީ.ޕީ.އެމްއިންނެވެ. ނަމަވެސް އެހެން އިންތިހާބުތަކާއި ބަލާއިރު މީދޫއިންވެސް ބޮޑު ކުރިއެރުމެއް އެމްޑީ.ޕީ އިންވަނީ ހޯދާފައެވެ. އެގޮތުން އެމް.ޑީ.ޕީއަށް 480 ވޯޓު ލިބިފައިވާއިރު ޕީ.ޕީ.އެމްއިންވަނީ 726 ވޯޓު ހޯދާފައެވެ. މީދޫއަކީ އަބަދުވެސް ޕީ.ޕީ.އެމްއިން ބޮޑު އަދަދެއް ހޯދާނެކަމަށް ބެލެވިފައިވާ ރަށެކެވެ.
މި އިންތިޚާބުގެ ނަތީޖާއާއެކު އިދިކޮޅު ކޯލިޝަނަށް ތާޢިދުކުރާ ގިނަ ބަޔަކު އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފާފާޅުކުރަމުންނެވެ.
މަޑުއްވަރީ ދާއިރާގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެމް.ޑީ.ޕީއަށް! މީދޫއިންވެސް ބޮޑު ކުރިއެރުމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ