ޣައްސާނާ ދެކޮޅަށް މައުމޫން ނެރެނީ މޮހޮދޭ

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ތ. ގުރައިދޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ޣައްސާން މައުމޫނާ ދެކޮޅަށް ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ތާއިދާއެކު މުހައްމަދު އިބްރާހިމް (މޮހޮދޭ) ނެރުއްވަން އެމަނިކުފާނު ނިންމަވައިފިއެވެ.
އެހެންކަމުން ރައީސް މައުމޫންގެ ފަރާތުން އެ ދާއިރާއަށް ކުރިމަތިލާނީ މޮހޮދޭކަން ހާމަކުރައްވާ ރައީސް މައުމޫން ވަނީ ޓްވީޓެއް ކުރައްވާފައެވެ. މި ޓްވީޓުގައި އެ މަނިކުފާނު ވަނީ މޮހޮދޭއަށް މަރުހަބާ ދަންނަވައި ކާމިޔާބަށް އެދިފައެވެ.
ގުރައިދޫ ދާއިރާއަށް ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން ކުރިމަތިލައްވަނީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެންނެވެ. ހަމަ މިދާއިރާއަށް މޮހޮދޭ ކެމްޕޭން ކުރަމުން ގެންދަނީ ކުރީގެ ރައީސް މައުމޫނުގެ ނަންފުޅު ބޭނުންކޮށްގެންނެވެ.
ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަގަނޑުގެ ތެރޭގައިވެސް އަދި މިހާތަނަށްވެސް ޣައްސާން ހުންނަވަނީ ކުރީގެ ރައީސް ޔާމީނާއި އެކުއެވެ. ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލީ އިރު ވެސް ޣައްސާން ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގެ މަގާމެއްގައި ރައީސް ޔާމީންގެ ދިފާއުގައެވެ.
ބައްޕާފުޅުގެ އިތުރުން ބޭބޭފުޅު އަހުމަދު ފާރިސް މައުމޫނާއި ދައްތާފުޅު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރުމުން ވެސް ޣައްސާން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ރައީސް ޔާމީންއާއެކު ޕީޕީއެމްގެ ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް މައުމޫންގެ ތާއިދާއެކު ފާރިސް ވެސް ރައްޔިތުންގެ މަޖިލީހަށް މިފަހަރު ވާދަ ކުރައްވައެވެ. އޭނާ ވާދަ ކުރައްވަނީ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ. ރައީސް މައުމޫން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާއިރު އެ މަސައްކަތުގައި ޣައްސާން ނޫން ދެން ތިއްބެވި ތިން ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ