ފަނޑިޔާރުންގެ ޤާނޫނުގެ އިޞްލާޙް ބާޠިލް ނޫންކަަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފި

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމުމުން، އެ މީހަކު ފަނޑިޔާރު ކަމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ނޫން ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާއި މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޝަރީޢަތުގެ މަޖްލީހުގައި ހުކުމް އިއްވައި ދެއްވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި މި ހުކުމުގައި ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.
ފަނޑިޔާރުންގެ ގާނޫނުނަށް ގެނައި އިސްލާހަށް މަޖިލީހުގައި ވޯޓަށް އެހީ 43 މެންބަރުންގެ ވޯޓުން ކަމަށާއި އެއީ މަޖިލީހުގެ ކޯރަމް ހަމަ ނުވެ ކަމަށް ބުނެ އެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ އިދިކޮޅަށް ނިސްބަތްވާ ދެމެްެބަރުންކަމަށްވާ އަނާރާ ނައީމް އާއި އަލީ ހުސެއިންއާއި އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އެވެ. އެހެން ނަަމަވެސް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އެ ގާނޫނު ފާސްކޮށްފައި ވަނީ ޟަރޫރީ ހާލަތެއްގައި ކަމަށް ފެންނާތީ މަޖިލީހުގެ 43 މެމްބަރުން ހާޒިރުވެ ތިބި ނަމަވެސް އެ އިސްލާހު ބާތިލުވާނެ އެއްވެސް ސަބަބެއް ފެންނާން ނެތް ކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި ފަސް ވަނަ އިސްލާހު ފާސްކުރުމަށް ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)ގައި ބުނާ ފަދައިން 43 މެންބަރުން މަޖިލީހުގައި ތިބުން ލާޒިމްވާ ކަމަށް ވިދާޅުވިއެވެ. އަދި 43 މެންބަރުން ހަމަނުކޮށް އެ ބިލް ފާސްކުރަން ޖެހުނީ ނަޒަރިއްޔާތުލް ޟަރޫރާއަށް ރިޔާއަތްކޮށް ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެ ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭ ގޮތަށާއި ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ތިބޭ މުއްދަތުގައި މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށެވެ. އަދި އެ އިސްލާހުތައް ރައީސް އަބްދުﷲ ޔާމީން ވަނީ ތަސްދީގު ވެސް ކުރައްވައިފައެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮމިޓީތަކަށް ހާޒިރުވުމަށްފަހު ޖަލްސާތަކަށް ހާޒިރުނުވެ ނުތިބެވޭނެ ކަމަށް މިއަދު ކުރި ހުކުމުގައި ވެސް ފާހަގަކޮށްފައިވެއެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ފެންނާން އޮންނަ ކަމަށް ވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހާޒިރު ނުވާ ނަމަ އެމީހުންނާއި މެދު ފިޔަވަޅު އެޅޭނެ އުސޫލުތައް ކަނޑައެޅިފައިވާ އިރު މެމްބަރުންނާއި މެދު ފިޔަވަޅު އެޅޭނެ އެއްވެސް އުސޫލެއް ރާއްޖޭގައި ގާއިމުކޮށްފައި ނެތް ކަމަށްވެސް އެ ހުކުމުގައި ވިދާޅުވެފައިވެއެވެ.
އެންޓި ޑިފެކްޝަން ގާނޫނު ބާތިލު ނޫންކަމަށް އިއްޔެ ކުރި ހުކުމާއި އެއްގޮތަށް މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުދާނަމަ އެކަމަށް ހައްލު ހޯދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ގާނޫނު ހަދާ މަޖިލީސް އުވާލައި އައު އިންތިހާބެއް ބޭވުމުގެ ބާރު ބައެއް ގައުމުތަަކުގައި ރައީސްއަށް ލިބިވަޑައިގެންވާ ކަމަށް ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ