މައުމޫން ހާޒިރު ނުކުރުމުން ފައިސާގެ މައްސަލާގައި ފުލުހުންނަށް ބަޔާން ދެއްވަން ޖާބިރު ދެކޮޅު ހައްދަވައިފި

ރައީސް މައުމޫން އަބްދުލްގައްޔޫމް އޭނާއަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި މައްސަލައާ ގުޅޭ ގޮތުން ފުލުހުންނަށް ބަޔާން ދެއްވާނީ މައުމޫންގެ ހާޒިރުގައި ކަމަށް ވިދާޅުވެ، ބަޔާން ދެއްވަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެކޮޅު ހައްދަވައިފިއެވެ.
ކެމްޕެއިންގެ ބޭނުމަށް ރައީސް މައުމޫން ޖާބިރުގެ އަތްޕުޅުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ، ޖާބިރު އެ މައްސަލަ ހެއްކާއެކު ފުލުހުންނަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މައްސަލައާ ގުޅޭ ބަޔާން ނެގުމަށް މިރޭ 8:00 ގައި ފުލުހުންގެ މައި އިދާރާއަށް ހާޒިރުވުމަށްފަހު، ޖާބިރު ވަނީ ބަޔާން ނުދެއްވާ ނުކުމެވަޑައިގެންފައެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑެއް ނީންނާނަމޭ މައުމޫން ނެތް ޓޭބަލެއްގައެއް، މިމައްސަލާގައި ފުރަތަމަ ވެސް ވާހަކައެއް ދެއްކޭނީ މައުމޫން އިނދެގެންނޭ" ބަޔާން ދެއްވަން ދެކޮޅު ހެއްދެވި ސަބަބު ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި، ކެމްޕޭނަށް ދިން ފައިސާ އޭނާ ހަވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންއާއެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ކުރެއްވީ، މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ނަމަވެސް ޖާބިރުގެ އެ ވާހަކަތައް ރައީސް މައުމޫންގެ ފަރާތުން ވަނީ ދޮގު ކުރައްވައިފައެވެ.
"ވަން"އަށް ދިން އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ހެއްކާއެކު މައްސަލަ އަލުން ހުށަހެޅުމުގެ ކުރިން ރައީސް މައުމޫނަށާއި ފާރިސްއަށް ތަކުރާރުކޮށް ގުޅުއްވުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައިނުވާ ކަމަށެެވެ. އަދި ރައީސް މައުމޫނަކީ ހިޔާނާތްތެރިއެއް ކަމަށާއި އޭނާއަށް ފައިސާ ނުދެއްކި މައްސަލާގައި ރައީސް މައުމޫނަށް އަދަބު ލިބެން ޖެހޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ