ބަންދު ކުރި ޖަލުތަކުގައި މީހުން ބޭތިއްބީ މޫސުން ގޯސްކަމުން، ކޮމިޝަންގެ މަގުސަދާމެދު ސުވާލު އުފެދޭ: ކަރެކްޝަންސް

ހާލަތު ދަށްވެގެން ބަންދުކުރި ގޮޅިތަކުގައި މީހުން ބޭތިއްބީ މޫސް ގޯސްކަމުންކަމަށް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފިއެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގަ ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި ޖަލުގެ ކަންކަން އިސްލާހުކޮށް ރަނގަޅުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް އެޗްއާރުސީއެމްގެ ފަރާތުން ކަންކަން ކުރެއްވުމަކީ އެކަންކަން އެގޮތަށް ކުރުމުގެ މަގްސަދާމެދު ސުވާލުފެދޭ،" ކަރެޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އެޗްއާރުސީއެމް ޓެގު ކުރައްވާ ވިދާޅުވެފައިވެއެވެ.
ސެޕްޓެމްބަރު 22 ވަނަ ދުވަހު ކޯޓުތަކުގެ ބޭނުމަށާއި ޑޮކްތަރަށް ދެއްކުމަށް ގެންދިޔަ މީހުން ހާލަތު ދަށްވެގެން ބަންދުކުރި ގޮޅިތަކުގައި ބޭތިއްބީ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރިފައިވާތީކަމަށެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގަ ބުނީ މާލޭ ޖަލުގެ ރިމާންޑު ޖަލުތަކުގެ ހާލަތު ދަށްވެގެން އެތަން ބަންދު ކުރިކަމަށް އޭޕްރީލް 15 ވަނަ ދުވަހު އެންގި ނަމަވެސް، އެ ކޮމިޝަން ލިބުނު ރިޕޯޓަކާ ގުޅިގެން އަލުން ޖަލުތައް ބެލި އެ ޖަލުތަކުގައި 25 ގައިދީއަކު ބަންދުކޮށްފައި ތިބިކަން ފާހަގަވެފައިވާކަމަށެވެ.
އެމީހުން ތިބި ގޮޅީގައި ހިރަފުސް ބޯވުމާއި، ބާ ދަނޑަނޑު ހުރުން ފަދަ މައްސަލަތައް ފާހަގަވިކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެޗްއާރުސީއެމުން ބުނީ ކުރިން އޭޕްރީލް 11 ވަނަ ދުވަހު ބަލަން ދިޔައިރަށްވުރެ ވެސް ޖަލުގެ ހާލަތު މިހާރު ދަށްކަމަށެވެ.
އެހެންކަމުން ވަގުތުން އެ 25 ގައިދީން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް އެޗްއާރުސީއެމުން ވަނީ އަންގާފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ