އިމްރާނަށް އެހީވުމަށް ނޮޅިވަރަމްގެ ހުރިހާ ރައްޔިތުން އަތުކުރި އޮޅާލާފައި!

"އަޅުގަނޑުމެން ރަށުގެ ޒުވާން ބަތަލެއް އިމްރާނަކީ. ކަން ދިމާކުރި ގޮތުން އިމްރާން ގައިމައްޗަށް ވެއްޓުނީ މި ރަށުގަ (ނޮޅިވަރަމް) ޒުވާނުން ފުޓުބޯޅަ ކުޅޭ ދަނޑުގައި އަޅަން ގެނައި ކާޕެޓް. އެ ކާޕެޓް އުފުލަން އިމްރާން އުޅެނިކޮށް މިހާބޮޑު އަނިޔާއެއް މި ލިބުނީ. އެއީ ހަމަ މިރަށުގެ ބަތަލެއް. އިމްރާނަށް އަނިޔާވި ހިސާބުން އަޅުގަނޑުމެން އިމްރާނަށް އެހީތެރިވާން ނިންމާ މަޝްވަރާތައް ފަށައިފިން."
މިއީ މާލޭ ވިޔަފާރި ބަނދަރުގައި މިމަހުގެ ފަސްވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް، އިމްރާން އަލީ 28އ، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތަށް އެހީތެރިވުމަށް ނޮޅިވަރަމްގައި ހިންގާ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ނަސްރުﷲ ހަލީލް، އެ މަސައްކަތް ފެށުނު ގޮތް "ވަން" އާ ހިއްސާ ކުރަން ފައްޓަމުން އަސަރާއެކު ބުނި ވާހަކައެކެވެ.
އިމްރާންގެ ގައިމައްޗަށް ވެއްޓުނު ކާޕެޓުގެ ބަރުދަނުގައި ބައި ޓަނު ހުރި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެކަމަކު މިއީ ހަގީގަތުގައިވެސް އިމްރާނުގެ އުފަން ރަށުގެ ޓާފް ދަނޑުގައި އެޅުމަށް ގެނެސްފައިވާ ކާޕެޓްކަން އަދި މި އެނގުނީއެވެ. އެހެންކަމުން ނަސްރުﷲ ބުނި ފަދައިން އިމްރާނަކީ ހަގީގަތުގައިވެސް އެރަށުގެ ބަތަލެކެވެ.
އިމްރާނަށް އެހީތެރިވުމަށް މިއަދު ކުރިއަށްދާ މަސައްކަތު ދުވަހުގެ އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަށް-- ފޮޓޯ: އިމްރާނަށް އެހީވަމާ ކޮމިއުނިޓީ ގުރޫޕް
އިމްރާނުގެ ހާލަތު އަދިވެސް ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މާދަމާގެ ވަގުތެއްގައި އިމްރާނު ގޮވައިގެން ފުރުމަށް އާއިލާއިން ތައްޔާރުވަމުން އަންނަ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް އާއިލާއިން ވާހަކަދެއްކި މީހަކު ވަނީ މިއަދު "ވަން" އަށް ބުނެފައެވެ. ރާއްޖެއިން ބޭރަށް ގެންގޮސް ބޭސްފަރުވާގެ ކަންކަން އާސަންދަ މެދުވެރިކޮށް ކުރި ނަމަވެސް އެހީތެރިންނަށް ދާ ފަރާތްތަކުން ތިބުމާއި ކެއުމަށް ގިނަ ހަރަދުތަކެއް ދާނެއެވެ.
އިމްރާނަށް އެހީ ހޯދުމަށް މަސައްކަތް ކުރަން ފެށުނު ގޮތް ކިޔައިދެމުން ނަސްރުﷲ ބުނީ، މިފަދަ ހާދިސާއެއްގައި އެ ރަށު ޒުވާނަކަށް އަނިޔާވި ހަބަރު ލިބުމާއެކު ރަށުގެ ޖަމިއްޔާ ޖަމާއަތްތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރި ކަމަށެވެ. އަދި ޖަމިއްޔާތަކުގެ މެމްބަރުންނާ ބައްދަލުކުރުމަށްފަހު ކޮމިއުނިޓީ ވައިބާ ގުރޫޕެއް އުފައްދައި އެއަށް ވަނުމަށް ގިނަ ބަޔަކަށް ދައުވަތު ދިން ކަމަށެވެ. އަދި މިއަދު އިމްރާނަށް އެހީވުމަށް ނޮޅިވަރަމްގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ރާވައި އެކަމަށް ވާންޖެހޭ ތައްޔާރީތަކެއްވި ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ރޭވީ ރަށުގައި މަސައްކަތު ދުވަހެއް ފާހަގަކޮށް އެކި ހަރަކާތް ހިންގައިގެން ލިބޭ ފައިސާ އިމްރާނަށް ހަދިޔާކުރަން. މި ހަރަކާތްތަކުގައި ބައިވެރިނުވެވޭ، މާލޭގައި ނޫނީ ރިސޯޓުގައި ނޫނީ އެހެން ރަށްރަށުގައި ދިރިއުޅޭ މިރަށު ކުދިންނަށްވެސް ފައިސާގެ އެހީވެވޭނެ ގޮތްތައް އަޅުގަނޑުމެން ހެދިން. ޓްރާންސްފާ ކުރާނެ އެކައުންޓްތައް އަޅުނގަނޑުމެން އެ ކުދިންނާ ހިއްސާ ކުރިން. ދެން މާލޭގެ އެކި ސަރަހައްދުތަކުގަ އާއި މިރަށުގެ އެކި ސަރަހައްދުތަކުގައި ފަންޑް ފޮށި ބެހެއްޓިން. މިއަދު ދެން ބޮޑު ހަރަކާތަށް ނިކުންނަން ނިންމީ. ރަށު ތެރޭގެ އެކި މަސައްކަތްކޮށް ލިބޭ ފައިސާ އިމްރާނަށް ހަދިޔާ ކުރަން ނިންމައި، މިހާރު މި ކުރިއަށްދަނީ މަސައްކަތު ދުވަސް." އޭނާ ކިޔައިދިނެވެ.
ނަސްރުﷲ ބުނީ މިކަމުގައި ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވާ ކަމަށެވެ. ހާއްސަކޮށް ވިޔަފާރިވެރިންނާއި އޮޑިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް މިކަމުގައި ލިބޭ ކަމަށް އޭނާ ބުންޏެވެ. އެގޮތުން މިއަދު މަސައްކަތް ކުރާ ފަރާތްތަކަށް އަންގި ހަދިޔާ ކުރުމާއި އިންޓަވަލާއި ފެން، ރަށުގެ ވިޔަފާރިވެރިން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މިއަދު އެރަށުގައި ދުއްވާ ފެރީ އާއި ލޯންޗު ފަދަ އުޅަނދުތަކުން ލިބޭ ހުރިހާ ފައިސާއެއް އިމްރާނަށް ހަދިޔާކުރުމަށް ނިންމާފައިވާ އިރު، ރަށުގައި ބޭނުންކުރަމުން އަންނަ ހުރިހާ ޕިކަޕެއް މިއަދު މި މަސައްކަތްތަކަށް ހިލޭ ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
އިމްރާނަށް އެހީތެރިވުމަށް މިއަދު ކުރިއަށްދާ މަސައްކަތު ދުވަހުގެ ތެރެއިން-- ފޮޓޯ: އިމްރާނަށް އެހީވަމާ ކޮމިއުނިޓީ ގުރޫޕް
މެންދުރު ނަމާދު ވަގުތަށް މެދުކަނޑާލުމާ ހަމައަށް މި މަސައްކަތުގެ ބޭރުން އެކި ފަރާތްތަކުން ހަދިޔާ ކުރި 20،000 އަށްވުރެ ގިނަ ރުފިޔާ އާއި ރީތި ރަށް ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ ނޮޅިވަރަމްގެ ރައްޔިތުންގެ ފަރާތުން ހަދިޔާކޮށްފައިވާ 1000 ޑޮލަރު ލިބިފައިވާ ކަމަށް ނަސްރުﷲ ބުންޏެވެ. އަދި މިއަދު މަސައްކަތު ދުވަސް ކުރިއަށްދަނީ 12 ގުރޫޕަކަށް ބަހާލައިގެން ކަމަށާއި އެގޮތުން މީގެ ތެރޭގައި އަންހެން ހަ ގުރޫޕާއި ފިރިހެން ހަ ގުރޫޕް ހިމެނޭ ކަމަށް ބުންޏެވެ.
"ޖުމްލަ 12 ގުރޫޕް ހިމެނޭނެ މިއަދުގެ ހަރަކާތުގައި. ރަށުގެ އަންހެންވެރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ލިބޭ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން ބުނި ބުނުމަކަށް އައިސް ވަރަށް ބުރަކޮށް މަސައްކަތް ކުރި. ދެން މެންދުރު ފަހުން އުޅޭނީ ހަމައެކަނި ފިރިހެން ގުރޫޕް. އެއީ އަންހެނުންތައް ދާނީ ހެދިކާ ހަދަން. ބަނދަރުމަތީގައި ކެންޓީނެއް ހަދައިގެން ހެދިކާ ވިއްކަން ނިންމާފައިވަނީ. އެހެންވެ އެކަމަށް. އެއިން ލިބޭ ފައިސާވެސް އިމްރާނަށް އަޅުގަނޑުމެން ދޭނީ. މިކަމަށް މި ކުރަނީ ހަމަ މިރަށު ރައްޔިތުން އަމިއްލަ ކަމެއްގެ ގޮތުގައި. ވަކި އާއިލާއަކުން ވަކި މީހަކު ބުނެގެނެއް ނޫން. ދެން މިއަދު ލިބުނު ހުރިހާ ފައިސާއެއް މިރޭ އަޅުގަނޑުމެން ގުނާނަން. ގުނާފައި އިމްރާންގެ އާއިލާއާ ހަވާލު ކުރާނަން." ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރަމުން އޭނާ ބުންޏެވެ.
މާލޭ ވިޔަފާރި ބަނދަރުގައި މި މަހުގެ ފަސް ވަނަ ދުވަހުގެރޭ ދަންވަރު ހިނގި އެކްސިޑެންޓްގައި އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28އ،-- ފޮޓޯ: އައިޝަތު މުހުސިނާ
އިމްރާނަށް ލިބިފައި ހުރި އަނިޔާތަކުގެ ތެރޭގައި ޅިނދު ކަށިގަނޑު ބިންދައިގެން ދިޔުމާއި ފައި އިރައިގެން ދިޔުމުގެ ސަބަބުން ފަޔަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ގިނަ އޮޕަރޭޝަންތަކެއް މިހާރުވެސް ކޮށްފައިވާ އިރު، މިހާރު އޮތް ހާލަތުން ކުޑަކޮށްވެސް ރަނގަޅުވުމުން އިތުރު ބޮޑު އޮޕަރޭޝަންތަކެއް ކުރަން ޑޮކްޓަރުން ލަފާދެއްވާ ކަމަށް އާއިލާއާ ހަވާލާދީ "ވަން" އާ ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.
މި އެހީތަކުގެ އިތުރުންވެސް އިމްރާނަށް އެހީވާން ބޭނުންވާ ފަރާތްތަކުން 7706473226001، އައިޝަތު މުހުސިނާގެ އެކައުންޓް ނަންބަރަށް ފައިސާ ފޮނުވުމަށް އާއިލާއިން ވަނީ އެދިފައެވެ.
އިމްރާނަށް އެހީތެރިވުމަށް ފަންޑު ފޮށި ބަހައްޓާފައިވާ ސަރަހއްދުތައް ފެންނަ ފޮޓޯ އެއް-- ފޮޓޯ: އިމްރާނަށް އެހީވަމާ ކޮމިއުނިޓީ ގުރޫޕް
މި ހާދިސާއާ ގުޅިގެން އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ އެކުންފުނީގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޮމެޓީން މިހާރު ތަހުގީގު ފަށާފައިވާ ކަމަށާއި އެގޮތުން، ހާދިސާގެ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން، މިނާ އިންވެސްޓްމަންޓް ގުރޫޕާއި އެ ހާދިސާއާ ގުޅުން ހުރި އޮޕަރޭޝަންގައި މަސައްކަތްކުރަމުންދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކުރުމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލުން ބުނީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް، ގަވައިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލުން ބުންޏެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހު ވެސް އެމްޕީއެލްގައި ވަނީ ހިތާމަވެރި ހާދިސާއެއް ހިނގައިފައެވެ. އެފަހަރު ބިއްލޫރި ޕެލެޓެއް ވެއްޓި އަނިޔާވި 27 އަހަރުގެ ޒުވާނަކު ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ