ރިސޯޓްތަކުގެ މުވައްޒަފުން ވެކްސިން ޖެހުމަށްޓަކައި އާދޭސް ކުރޭ: މެމްބަރު ޝަފީގް

ރިސޯޓްތަކުގެ މުވައްޒަފުން ވެކްސިނަށްޓަކައި އާދޭސްކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވެއްޖެއެެވެ.
ޝަފީގް މިހެން ވިދާޅުވީ، ކޮވިޑް-19އާއި ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާގާތަށް ނުދެވި އެތައް މަހެއްވެފައިވާތީއާއި، އެފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހަމަދު ރަޝީދު ހުށައެޅުއްވި މައްސަލާއި ގުޅިގެން ބަހުސްކުރައްވަމުންނެވެ.
ޝަފީގް ވިދާޅުވީ، ރިސޯޓްތަކުގެ މުވައްޒަފުން ވެކްސިނަށްޓަކައި އާދޭސްކުރާކަމަށާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ބެލިއިރު ވެކްސިން ޖަހާފައިވަނީ 8000އަކަށް މުވައްޒަފުންނަށްކަމަށެވެ. އެހެންނަމަވެސް ބައެއް ރިސޯޓުތަކަށް އަދިވެސް ވެކްސިން ނުލިބޭކަމަށް ޝަފީގް ވިދާޅުވިއެވެ.
ޝަފީގް މިހެން ވިދާޅުވެފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކައްކުރާ 8800 މީހަކަށް މިހާތަނަށް ކޮވިޑް-19އިން ރައްކާތެރިވާން ވެކްސިން ޖަހާފައިވެއެވެ. މިއީ އެ ސިނާއަތުގެ 30 އިންސައްތަ މުވައްޒަފުންނެވެ.
ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ވެކްސިންޖެހުމުގެ އިންތިޒާމް ހަމަޖައްސާފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ