ވެކްސިނާ އެކު ޓޫރިޒަމް ދާއިރާގެ ހިނިތުންވުން ފެންނާނެ

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިއަދުން ފެށިގެން ކޮވިޑް-19ގެ ވެކްސިން ދޭން ވަނީ ފަށައިފަ އެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 25 މުވައްޒަފަކު މިއަދު ވަނީ ވެކްސިން ޖަހައިފަ އެވެ. ވެކްސިން ޖަހާފައިވަނީ ރިސޯޓުތަކުން ފަސް މުވައްޒަފަކާއި ގެސްޓްހައުސްތަކުން ފަސް މުވައްޒަފަކާއި އެއާޕޯޓް ރެފުންގެ ފަސް މީހަކާއި ސަފާރީގެ ފަސް މުވައްޒަފުންގެ އިތުރުން ފަންނާނުންގެ ތެރެއިން ފަސް މުވައްޒަފަކެވެ.
ރާއްޖޭގައި އިންޑިއާއިން ފޯރުކޮށްދިން ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނަ އިރު ޓޫރިޒަމް ދާއިރާ އަށް 10،000 ޑޯޒް ހާއްސަކޮށްފައިވެ އެވެ. މިއިން މިވަގުތު މި ދާއިރާގެ 5،000 މުވައްޒަފުންނަށް ވެކްސިން ޖެހޭނެ އެވެ. ޓޫރިޒަމް ދާއިރާގައި 51،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކާ ބައްދަލުވެ، މެހެމާންދާރީ އަދާކޮށްދޭން ޖެހޭ ބަޔަކަށްވާ އިރު މިދިޔަ ދުވަސްތަކުގައި އެ މުވައްޒަފުން މަސައްކަތް ކުރަން ޖެހުނީ ހިތް ނުތަނަވަސް ކަމާ އެކު ބިރުވެރިކަމުގެ ތެރޭގަ އެވެ.
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް --ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖެ އަށް އަންނަ ޓޫރިސްޓުންނާ ހިނިތުންވުމާ އެކު މަސައްކަތް ކުރަންޖެހޭ އިރު މިހާރު އެ މުވައްޒަފުން އުޅެން ޖެހެނީ މާސްކް އަޅައިގެން ހިނިތުންވުން ފޮރުވައިގެންނެވެ. ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ތެރެއިން މިއަދު ވެކްސިން ޖަހަން ގޮސް ހުރި އެކަކީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ކަރަމް އެވެ. ވެކްސިން އާ އެކު ޓޫރިޒަމް ދާއިރާގައި ހިދުމަތްދިނުމުގައި ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް އޭނާ އުންމީދު ކުރައްވަ އެވެ.
ކަރަމް ވިދާޅުވީ، ވެކްސިން ޖެހުމުން މިކަން ނިމުނީ ނޫން ކަމަށާއި އެހެން ނަމަވެސް ގަބޫލު ކުރަނީ ވެކްސިނާ އެކު މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުވެ ހިދުމަތް ދިނުމުގައި ކުރީގެ އުސޫލުތަކަށް ބަދަލުވުން އަވަސް ވެގެންދާނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފަކު ވެކްސިން ޖެހުމަށް ފޯމު ފުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މެހެމާންދާރީ އަދާކުރުމުގައި އެންމެ މުހިއްމު ކަމަކީ ހިނިތުންވުން. އެކަމަކު މިވަގުތު ހިނިތުންވުން މިއޮތީ ފޮރުވިފަ. އެހެންވީމަ މާސްކް ނަގައިގެން ކުރީގެ ހިނިތުންވުމާ އެކު މަސައްކަތް ކުރަން ފެށޭނެ ދުވަހަކަށް އުންމީދުކުރަނީ،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓު ރެޕެއްގެ ގޮތުގައި 15 އަހަރު މަސައްކަތް ކުރެއްވި މުހައްމަދު އަމީނު ވިދާޅުވީ، މިއޮތް ހުރިހާ ދުވަހެއްގައި މަސައްކަތް ކުރަނީ ވަރަށް ދަތިކޮށް ބިރުވެރިކަން މަތީގައި ކަމަށާއި ވެކްސިން ޖެހުމުން ކުރީގެ ނޯމަލް ދިރިއުޅުމަށް ދެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތް މިހާރު ކުރަން ޖެހެނީ ގައިޑްލައިންތަކެއް ފޮލޯކޮށްގެން ވަކި ގޮތްތަކަކަށް. މިކަން ބަދަލުވާނެތީ ހިތްހަމަޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފަކު ވެކްސިން ޖަހަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދިން އިރު ފަންނާނުންގެ ތެރެއިން ވެސް ފަސް މީހަކަށް މިއަދު ވެކްސިން ޖަހާފައިވެ އެވެ. ޑީޓިއުން ބޭންޑްގެ ލަވަކިޔުންތެރިޔާ ފާތިމަތު ފެޒްލީން (ފެޒޫ) ވިދާޅުވީ، ވެކްސިން ޖެހުމަކީ އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށޢި އުންމީދު ކުރައްވަނީ މިއާ އެކު ޕީސީއާރް ޓެސްޓް ހެދުމުގައި ހުރި އުނދަގޫތައް ވެސް ހައްލުވެގެންދާނެ ކަމަށެވެ.
މިހާރު ރިސޯޓުތަކުގައި މިއުޒިކް ކުޅެންދާ އާޓިސްޓުން 14 ދުވަސް ހަމަނުވާ ޕީސީއާރް ޓެސްޓް ނެގެޓިވް ނަތީޖާއެއް އޮތް ނަމަވެސް އިތުރަށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހެ އެވެ. އެހެންވެ އެކަމަށް ބޮޑު ހޭދައެއް އާޓިސްޓުން ކުރަން ޖެހެ އެވެ.
"ފަންނާނުންނަށް ވެކްސިން ޖެހުމަށް ފުރުސަތު ލިބުމުން ވަރަށް އުފާވޭ. ކުރިން ރިސޯޓަށް ގޮސް ކޮންމެވެސް ވަރަކަށް ހިތްނުތަނަވަސްވޭ. އެކަމަކު އެކަމުން ސަލާމަތްވެ މަސައްކަތް ކުރަން ފުރުސަތު މި ލިބުނީ،" އޭނާ ވިދާޅުވި އެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް އިސްހާގް ސޯލިހު "މިހާރު" އާ ވާހަކަދައްކަވަނީ
ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް އިސްހާގް ސޯލިހު ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ މި ބަލި ޖެހުމަށް ފުރުސަތު ބޮޑު ދާއިރާއަކަށްވާ އިރު މިއީ ބަލި ކޮންޓްރޯލްކޮށް އާންމު ހާލަތަށް ދާން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އިސްހާގަށް އޭނާގެ އާއިލާއާ އަދި ބައްދަލެއް ނުވެ އެވެ. ވެކްސިން އާ އެކު ބަލި ކޮންޓްރޯލްވެ އާއިލާ އާ ބައްދަވުމަކީ އެންމެ އޭނާގެ އެންމެ ބޮޑު އުންމީދެވެ.
"ޖަލެއްގައި އުޅޭހެން މި ވަގުތު މި އުޅެން ޖެހެނީ. އުންމީދު ކުރަނީ ބަލީގެ ކޭސްތައް މަދުވެ، އާއިލާ އާއި ދަރިންނާ ބައްދަލުވާނެ ދުވަހަކަށް،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިއަދު ވެކްސިން ޖަހާ އިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ވެކްސިން ޖަހަން ފުރުސަތު ލިބޭނެ އެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ރިސޯޓުތަކަށް ގޮސް ވެސް ވެކްސިން ދެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ