ބިރު ގަނެ ޖެހިލުން ވާނެ ކަމެއް ނެތް، ވެކްސިން ޖައްސަވާ: މުހައްމަދު އުމަރު މަނިކު

ރާއްޖޭގައި މިއަދު ފެށި ވެކްސިން ޕްރޮގްރާމްގެ ތެރެއިން ޖަހަންފެށި ވެކްސިނާމެދު އެއްވެސް މީހަކު ބިރު ގަންނާނެ ކަމެއް ނެތް ކަމަށާ، ޖެހިލުން ވެސް ވާނެ ކަމެއް ނެތް ކަމަށް ރާއްޖޭގައި ޓޫރިޒަމް އުފައްދައި ކުރި އަރުވައި ދެއްވި އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ވިދާޅުވެއްޖެ އެވެ.އިންޑިއާ އިން ހަދިޔާ ކޮށްފައިވާ އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޝީލް ވެކްސިން ޖެއްސެވުމަށް ފަހު މަނިކް ވިދާޅުވީ މި ވެކްސިން ރާއްޖެ އަށް ލިބުމަކީ ބަލިން އަރައި ގަންނަން ދިއްލުނު އުންމީދުގެ ހުޅުކޮޅެއް ކަމަށާއި ވެކްސިންގެ ސަބަބުން އެއްވެސް އުނދަގުލެއް ތަހައްމަލު ކުރަން ނުޖެހުނު ކަމަށާއި އެކަންވެ ނިމިގެން ދިޔައީ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށެވެ. "އެކަކު ވެސް ބިރު ގަންނާނެ ކަމެއް ނެތް،" އުމުރުން އަށްޑިހައިގެ އަހަރުތައް ގުނަމުން ގެންދަވާ މަނިކު ވިދާޅުވި އެވެ. ރާއްޖޭން މިއަދު ވަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފަ އެވެ. ފުރަތަމަ ރާއްޖޭގައި ވެކްސިން ޖެއްސެވީ އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއްރަހީމެވެ. އެ ޑޮކްޓަރަށް ފަހު މިއަދު ވެކްސި ޖެއްސެވި އިސްވެރިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުން ހިމެނެ އެވެ. މާލޭ ސިޓީގައި މިއަދު އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ކުރިޔަށް ދާނެ އެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ވެސް މިއަދު ވެކްސި ޖަހަން ވަނީ ފަށާފަ އެވެ. ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.އަދި ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދިނީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް އެމަޖެންސީ ހާލަތުގައި ބޭނުން ކުރަން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ