ޚިދުމަތްތައް ކުރިއަށް ގެންދެވޭވަރަށް ތިނަދޫ ހޮސްޕިޓަލަށް ކަރަންޓް ފޯރުކޮށްދޭން ފަށައިފި
ގދ. ތިނަދޫ އިންޖީނުގޭގައި ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މުހިންމު ޑިޕާޓްމަންޓްތަކަށް ކުޑަ ޖަނަރޭޓަރެއް ބޭނުންކޮށްގެން ކަރަންޓް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ. ތިނަދޫ އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އިންޖީނުގެ އެއްކޮށް އަނދާފައިވާއިރު، މުޅި އެރަށުން ވަނީ ކަރަންޓާއި ފެނުގެ ޚިދުމަތްވެސް މެދުކެނޑިފައެވެ. "އަޅުގަނޑުމެން މިހާރު ވާނީ، އަޅުގަނޑުމެންގެ ސައިޓެއްގައި ބޭނުންކުރާ ކުޑަ ޖަނަރޭޓަރެއް ބޭނުންކޮށްގެން ހެނދުނު 8:45 ކަންހާއިރުން ފެށިގެން ހޮސްޕިޓަލްގެ މުހިއްމު ބައިތަކަށް ކަރަންޓް ފޯރުކޮށްދޭން ފަށާފައި،" ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ސަންއަށް ވިދާޅުވިއެވެ. ނިމާލް ވިދާޅުވީ، މުޅި ހޮސްޕިޓަލަށް ބޭނުންވާ މިންވަރަށް ވީ އެންމެ އަވަހަކަށް ކަރަންޓު ފޯރުކޮށްދެވޭތޯ އެ ކުންފުނިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އެސިސްޓެންޓް މެނޭޖަރު އާމިނަތު އަބްދުލް ހަކީމް މިއަދު ސަންއަށް ވިދާޅުވީ، ހޮސްޕިޓަލަށް މިވަގުތު ކަރަންޓް ފޯރުކޮށްދެމުން އަންނަނީ، 16 ކިލޯވޮޓްގެ ކުޑަ ޖަނަރޭޓަރަކުން ކަމަށް ވާތީ، އެތަނުގައި ހިދުމަތްދޭން ބޭނުންކުރާ ހުރިހާ މެޝިނަރީޒްއެއް މިވަގުތު ވަނީ ހުއްޓިފައި ކަމަށެވެ. "ޑައެލެސިސް މެޝިނާއި އެކްސްރޭ މެޝިން އަދި އެނޫންވެސް ކަރަންޓު އިތުރަށް ބޭނުންވާ ފަދަ މެޝިންތައް ބޭނުމެއް ނުކުރެވޭ. އަޅުގަނޑުމެން މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން މިގެންދަނީ އެންމެ ވޯޑެއްގައި، އެތަނަށް ހުރިހާ ބަލިމީހުން ބަދަލުކޮށްގެން،" އާމިނަތު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މިވަގުތު ފޯރުކޮށްދެވެން ހުރީ ވަރަށް އާދައިގެ ފަރުވާތައް ކަމަށާއި، އެތަނުގައި ތިބި، އިތުރު ފަރުވާއަށް ބޭނުންވާ ބަލިމީހުން، އާސަންދައާ ގުޅިގެން މާލެ ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. "އަޅުގަނޑުމެން މިބަލަނީ، ކޮންމެހެން އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހެއް ނޫންނަމަ އެޑްމިޓް ނުކޮށްވޭތޯ. ދެން އިތުރު ފަރުވާއަށް ބޭނުންވާ ބަލިމީހުން މާލެއަށް ފޮނުވުމަށް މަސައްކަތް ކުރަމުން ދަނީ. އެކަމުގައި އާސަންދައިގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން ދަނީ،" އާމިނަތު ވިދާޅުވިއެވެ. ތިނަދޫ އިންޖީނުގޭގައި ބޭނުންކުރަނީ 1000 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 720 ކިލޯވޮޓުގެ ޖަނެރޭޓަރަކާއި އަދި 600 ކިލޯވޮޓުގެ ޖަނެރޭޓަރެކެވެ. އަލިފާނުގެ ހާދިސާގައި އެ ހުރިހާ ޖަނެރޭޓަރުތައް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ ސަން އަށް ވިދާޅުވީ، ހޮސްޕިޓަލުގައި މިވަގުތު ބޭނުންކުރާ ޖަނަރޭޓަރު، އޯވަހީޓް ވުމުން ރައްކާތެރިކުރުމަށްޓަކައި ހަތަރު ވަރަކަށް ގަޑިއިރު ބޭނުންކުރުމަށް ފަހު ނިންވާލަން ޖެހޭނެ ކަމަށާއި، އެހެންކަމުން އެ ހާލަތުގައި ބޭނުންކުރުމަށް ގއ. ވިލިނގިލިން 18 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ހޮސްޕިޓަލުން ކުރަމުން އަންނަ ކަމަށެވެ. ސައުދު އިތުރަށް ވިދާޅުވީ، ފެނަކައާއި ކައުންސިލް އިދާރާ ގުޅިގެން، އެރަށަށް ވަގުތީ ގޮތުން ކަރަންޓް ފޯރުކޮށްދިނުމަށް އެކި ރަށްރަށުން ޖަނަރޭޓަރު ހޯދުމުގެ މަސައްކަތްކު ކުރަމުން އަންނަ ކަމަށެވެ. "މިހާރު ލ. އަތޮޅު ރަށަކުން 150 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި އަދިވެސް އެހެން ރަށްރަށުން އިތުރު ޖަނަރޭޓަރު ލިބޭތޯ ބަލަމުން މިގެންދަނީ. އަޅުގަނޑުމެން މި ބަލަނީ އެންމެ ފުރަތަމަ ކަމަކަށް، ރަށަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭން،" ސައުދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ